އިޓާލިއަން ސެރީއާގައި ނަޕޯލީން ފިއޮރެންޓީނާ ބަލިކޮށް، އެއްވަނައަށް އަރައިފިއެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ފުރަތަމަ ލަނޑު ޖަހައި ނަޕޯލީއަށް މެޗުގެ ލީޑު ނަގައިދީފައިވަނީ 29 ވަނަ މިނެޓުގައި ޑޭވިޑް ނެރޭސެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ.
ނަޕޯލީން ކާމިޔާބުކުރި ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ލިބުނު ޕެނަޕްޓީއަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ މި ސީޒަންގައި ލުކާކޫ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ. ފަހު ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ނަޕޯލީގެ ލީޑު ފުޅާކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ.
މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު އޮތީ ކުޅުނު 19 މެޗުން ލިބިފައިވާ 44 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ފިއޮރެންޓީނާ އޮތީ 32 ޕޮއިންޓާ އެކު ފަސްވަނައިގައެވެ.
މުބާރާތުގައި ވެނެޒިއާއާއި އެމްޕޯލީ ބައްދަލުކުރި މެޗު 1-1 އިންވީ އެއްވަރެވެ.
ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ވެނެޒިއާގެ ޖޮއެލް ޕޯޔަންޕާލޯ ކާމިޔާބުކުރިއިރު އެމްޕޯލީއަށް މެޗުގެ ނަތީޖާ ހަަމަހަމަކޮށްދިނީ ސެބަސްޓިއާނޯ އެސްޕޮސީޓޯއެވެ. މެޗު އެއްވަރުވުމުން އެމްޕޯލީ 20 ޕޮއިންޓާ އެކު 12 ވަނައިގައި އޮތްއިރު ވެނެޒިއާ އޮތީ 14 ޕޮއިންޓާ އެކު 19 ވަނައިގައެވެ.