މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެންޏަށް ދުނިޔޭގެ ނުފޫޒުގަދަ ބައެއް މީހުން އިންޑިއާއަށް

އަނަންތު އަމްބާނީ އަދި ރާދިކާ-- ފޮޓޯ/ ބީބީސީނިވްސް

އިންޑިއާގެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅުގެ ކައިވެނީގެ ހަފުލާގެ ކުރިން ބާއްވާ ޕްރީ ވެޑިންގް ގާލާގައި ބައިވެރިވުމަށް ދުނިޔޭގެ ނުފޫޒުގަދަ ބައެއް މީހުންގެ އިތުރުން މަޝްހޫރު ފަންނާނުން އިންޑިއާއަށް އަތުވެއްޖެއެވެ.

މުޅި އޭޝިއާގައި ވެސް މިވަގުތުހުރި އެންމެ މުއްސަނދި މީހާގެ ލަޤަބު ހޯދާފައިވާ މުކޭޝް އަމްބާނީގެ ދަޢުވަތަށް ބޭރު ޤައުމުތަކުން އިންޑިއާއަށް އައި ބައެއް ޚާއްޞަ މެހެމާނުންގެ ތެރޭގައި، މާކް ޒުކަބާގްގެ ދެމަފިރިންނާއި، ބިލިއަނަރު ބިލް ގޭޓްސް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ހިމެނެއެވެ.

މީގެއިތުރުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވިޔަފާރިވެރިންނަށާއި ބައެއް ޤައުމުތަކުގެ އިސްވެރިންނަށް ވެސް މި ގާލާ ހަފުލާއަށް ވަނީ ދަޢުވަތު އަރުވާފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރިން މީގެ އެތައް ފަހަރެއް މަތީން ޖާގަ ހޯދާފައިވާ މުކޭޝް އަމްބާނީ އާއި އަންހެނުން ނީތާ އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާ އޮންނާނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

އަނަންތު އަމްބާނީ ކައިވެނި ކުރަނީ އިންޑިއާގެ ބިލައަނަރު ވިރެން މާޗަންޓުގެ ދަރިފުޅު ރާދިކާ މާޗެންޓްއާއެވެ. ޢުމުރުން 28 އަހަރުގެ ރާދިކާ އާއި އަނަންތު އަކީ ކުޑައިރުސުރެން ވެސް ދަންނަ ގާތް ދެ ރަޙްމަތްތެރިންނެވެ.

އިންޑިއާގެ މަޝްހޫރު ކުންފުނި ރިލަޔަންސްގެ އިސްވެރިޔާގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު އާކާޝް އަމްބާނީ އާއި އީޝާ އަމްބާނީގެ ކައިވެނީގެ ރަސްމިއްޔާތުތަކަށް ވެސް ދުނިޔޭގެ ނަން މަޝްހޫރު މީހުންނަށް ދައުވަތު ދިނެވެ. އޭގެތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އަދި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އާއި ޖޯން ކެރީ ފަދަ މީހުން ހިމެނެއެވެ.

މުކޭޝް އަމްބާނީގެ އާއިލީ ފޮޓޯއެއް-- ފޮޓޯ/ ބީބީސީނިވްސް

ބޭރު ޤައުމުތަކުގެ މަޝްހޫރު ގިނަ ބަޔަކު އިންޑިއާގެ ގުޖުރާތު ސްޓޭޓަށް ދަތުރު ކުރަމުންދާއިރު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބަޔަކަށް ވަނީ ކައިވެނީގެ ކުރިން ބާއްވާ މި ހަފުލާއަށް ދައުވަތު އަރުވާފައެވެ.

މުކޭޝް އަމްބާނީގެ މިލްކިއްޔާތު 115 ބިލިއަން ޑޮލަރަށް އަރާކަމަށް ފޯބްސްއިން ބުނެފައިވާއިރު ދާދިފަހުން މުކޭޝް ވަނީ ދަރިފުޅު އަނަންތު އަމްބާނީއަށް ދުބާއީގެ އެންމެ އަގުބޮޑު އަލްޓްރާ ލަގްޒަރީ ވިލާއެއް ގަނެދީފައެވެ.

ގާތްގަނޑަކަށް 80 މިލިއަން ޑޮލަރަށް ގަނެފައިވާ މި ވިލާއަކީ މިހާތަނަށް ދުބާއީގައި ހެދި އެންމެ ބޮޑު ރެޒިޑެންޝަލް ޕްރޮޕަޓީ ޑީލް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް