ރާއްޖޭގައި އެމްބިއުލާންސް ޕޮލިސީ އޮންނަ ގޮތުގެ ވާހަކަ އަބަދު ވެސް ދެކެވެއެވެ. އެމްބިއުލާންސް ލަސްވުމުން ނުވަތަ އެ ޚިދުމަތް ހަމަ ނުޖެހުމުގެ ސަބަބުން ފުރާނަ ގެއްލުން ފަދަ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެެވެ.
މިފަދަ ގިނަ ހާދިސާތަކެއް ސޯޝަލްމީޑީއާއަށް އެތައް ފަހަރެއްގެ މަތިން ފެންމަތިވެފައިވެއެވެ. މީގެ ތެރެއިން އެންމެ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ, ކޮވިޑު-19 ގެ ދުވަސްވަރު ދުނިޔެ ދޫކުރި 10 އަހަރުގެ ފާތިމަތު މިޝްކާގެ ވާހަކައެވެ.
ކޮވިޑު-19 އަށް ޕޮސިޓިވްވެ, އައިސޮލޭޝަންގައި ހުއްޓާ މިޝްކާގެ ހާލު ދެރަވިއެވެ. އެމްބިއުލާންސްގެ ޚިދުމަތް ލިބުނީ އޭނާ ހޮސްޕިޓަލަށް ގެންދަން އާއިލާއިން މަސައްކަތް ކުރާތާ ދެ ގަޑިއިރަށް ވުރެ ގިނައިރު ވީފަހުންނެވެ. އަވަސް ފަރުވާ ދެވުން ލަސްވެ, މިޝްކާ ދުނިޔެ ދޫކުރީ ވެންޓިލޭޓަރުގައި އޮތުމަށް ފަހު 24 ގަޑިއިރު ފަހުންނެވެ. މި ހާދިސާގައި އެޗްޕީއޭއަށް ތުހުމަތުގެ އިނގިލި ދިއްކުރި ނަމަވެސް, މިޝްކާގެ މަރަށް މިއަދާ ހަމައަށް ވެސް އިންސާފު ލިބިފައެއް ނުވެއެވެ.
މިއަދު ވެސް ދައްކަން މިއުޅެނީ މިފަދަ ހާދިސާއެއްގެ ވާހަކައެކެވެ. މާލޭ ސަރަހައްދުގައި އެމްބިއުލާންސްގެ ޚިދުމަތް ހޯދަން އާންމު ރައްޔިތަކަށް ދިމާވި ގޮންޖެހުމުގެ ވާހަކައެކެވެ. ހުޅުމާލޭގައި ދިރިއުޅޭ މުސްކުޅި ކާފަ އައިޖީއެމްއެޗަށް ގެންދަން ޒުވާނަކު ގިރާކުރަން ޖެހުނު އެތައް އޮޅިއެއްގެ ވާހަކައެވެ.
އޭނާ ޓްވިޓާގައި ހިއްސާގައި ކޮށްފައި ވާގޮތުގައި، އެއްދުވަހެއްގެ ހަވީރު 05:13ގައި ހުޅުމާލޭގައި އުޅޭ އޭނާގެ ކާފަ އެމަޖެންސީކޮށް އައިޖީއެމްއެޗަށް ގެންދަން ޖެހުނެވެ. އެމަޖެންސީ ފަރުވާއަށް އައިޖީއެމްއެޗަށް ކާފަ ގެންދަނީ ކާފައަށް ބޭނުންވާ ފަރުވާއަކީ ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާއަކަށް ނުވާތީއެވެ.
އައިޖީއެމްއެޗްގެ އެމްބިއުލާންސް ޕޮލިސީ އޮންނަ ގޮތުން އެ ހޮސްޕިޓަލުގެ އެމްބިއުލާންސްގައި ހުޅުމާލެއިން ބަލި މީހުން ނުއުފުލައެވެ. ހުޅުމާލެއިން ގެންނަ ބަލި މީހަކު ނަމަ އައިޖީއެމްއެޗަށް ގެންދަން ޖެހެނީ ހުޅުމާލެ ހޮސްޕިޓަލުގެ އެމްބިއުލާންސްގައެވެ.
ކާފަ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްގެ ޚިދުމަތަށް އެދި އައިޖީއެމްއެޗަށް ގުޅި ޒުވާނާއަށް ވެސް އެ ހޮސްޕިޓަލުން ދިން ޖަވާބަކީ އެޔެވެ. އެހެންކަމުން އޭނާ ދެން މަސައްކަތް ފެށީ ކާފަ ހޮސްޕިޓަލަށް ގެންދިއުމަށް ހުޅުމާލެ ހޮސްޕިޓަލުގެ އެމްބިިއުލާންސް ހަމަޖެއްސުމަށެވެ.
ނަމަވެސް، އެ ހޮސްޕިޓަލުގެ އެމްބިއުލާންސް ޚިދުމަތް ހަމަޖެހޭނީ އެރޭ 07:00ގެ ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުނިކަމަށް ޒުވާނާ ލިޔެފައިވެއެވެ.
އޭނާ ދެން ގުޅީ، އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ރެޑް ކްރެސެންޓަށެވެ. އެ ޖަމިއްޔާއަކީ ވޮލެންޓިއަރުން މަސައްކަތް ކުރާ ޖަމިއްޔާއަކަށް ވުމުން ވަގުތުން އެމްބިއުލާންސްގެ ޚިދުމަތް އެ ޖަމިއްޔާއަށް ވެސް ފޯރުކޮށެއް ނުދެވެއެވެ.
މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓުތަކުގައި އަވަހަށް އެޓެންޑުވެ، ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިދިޔަ ސަރުކާރުން އިސް ނަގައިގެން ގައުމީ އެމްބިއުލާންސްގެ ޚިދުމަތް އިފްތިތާހު ކުރިއެވެ.
މިއީ އެމެޖެންސީގައި ފަރުވާ ބޭނުންވާ ކާފަ ހޮސްޕިޓަލަށް ގެންދިއުމަށް އަލިމަގަކަށް ވާނޭކަމުގެ އުންމީދުގައި އެ ޒުވާނާ ދެން ގުޅީ ގައުމީ އެމްބިއުލާންސް ނަމްބަރަށެވެ.
ގައުމީ އެމްބިއުލާންސްގެ ޕޮލިސީ އޮންނަ ގޮތުން ނަމަ ޚިދުމަތް ފޯރުކޮށްދެނީ އެންމެ ކައިރީ ހުންނަ ސިއްހީ ފަރުވާދޭ ތަނަކާ ހަމައަށެވެ. ކަން ދިމާކުރި ގޮތުން ޒުވާނާއާ އެންމެ ކައިރިން ސިއްހީ ޚިދުމަތް ދޭ ތަނަކަށް ހުރީ ހުޅުމާލޭ ހޮސްޕިޓަލެވެ.
"ހުޅުމާލޭ ހޮސްޕިޓަލުން ކާފައަށް ފަރުވާ ނުދެވޭނެ ކަމަށް އެންމެ ފަހުން އެޑްމިޓް ކޮށްފައި ދޫކޮށްލި އިރު ވެސް ވަނީ އަންގާފަ. ސަބަބަކީ އެ ހޮސްޕިޓަލުގައި ނާރުގެ ޑޮކްޓަރަކާ ގޭސްޓްރޯ ޑޮކްޓަރެއް ނެތީމަ. ފަރުވާ ނުދެވޭ ތާކަށް ބަލިމީހާ ގެންދަން ބޭނުންވާނީ ކޮން އާއިލާއަކުންތޯ،" އެ ޒުވާނާ ޓްވިޓާގައި ލިޔެފައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ކާފައަށް ޚިދުމަތް ނުދެވޭ ވާހަކަ ބުނުމުން ގައުމީ އެމްބިއުލާންސުން ބުނީ، ކާފަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްދެވޭނެ ކަމަށެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކާފައަށް ފަރުވާހޯދާވަރުގެ މާލީ ތަނަވަސްކަން ނެތްކަމަށް ޒުވާނާ ވަނީ ލިޔެފައެވެ.
ޒުވާނާގެ މި ޕޯސްޓާ ގުޅިގެން އިތުރު އެތައް ބައެއް ވަނީ އެމްބިއުލާންސްގެ ޚިދުމަތް ހޯދަން އެމީހުން ކުރި ތަޖުރިބާ ހިއްސާ ކޮށްފައެވެ.
"އަހަރެންގެ ބައްޕައަށް ސްޓްރޯކެއް ޖެހުން. ވަގުތުން އެމްބިއުލާންސްގެ ޚިދުމަތްދޭ ހުރިހާ ތަނަކަށް ގުޅިން. އެއްވެސް ތަނަކުން ފޯނެއް ނުނަގާ. ހޮސްޕިޓަލަށް ދެވުނު އިރު އޮތީ މާ ލަސްވެފަ،" އެހެން މީހަކު އެމްބިއުލާންސް ޙިދުމަތްް ހޯދަން ކުރި ތަޖުރިބާ ހިއްސާކޮށް ލިޔެފައި ވެއެވެ.
ސިނަމާލެ ބްރިޖާއެކު މާލެއާއި ހުޅުމާލެ ދަތުރުފަތުރުގެ ގޮތުން ވަނީ ގުޅިފައެވެ. އެކި ސިފަސިފައިގައި ތަރައްގީ ނިއުޅެމުން ފެތުރެމުންދާއިރު، އެމަޖެންސީގައި ހުޅުމާލެއާއި މާލެއާ ދެމެދު ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުން ބަލި މީހުން ނުއުފުލޭންވީ ކިހިނެތް ވެގެންތޯ މީހުން ސުވާލު އުފައްދައެވެ. އަދި އާންމު ރައްޔިތުންނަށް މިއަށްވުރެ ލުއި ފަސޭހަ ވަނޭ ގޮތަކަށް އެމްބިއުލާންސް ޕޮލިސީ ބަދަލު ނުކުރަނީ ކިހިނެތް ވެގެންތޯ ވެސް ރައްޔިތުން ސުވާލު އުފައްދައެވެ.
އައިޖީއެމްއެޗްގެ މި އެމްބިއުލާންސް ޕޮލިސީއާ ގުޅިގެން ސުވާލުކުރަން ގުޅުމުން އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ހަލީމް ފޯނު ނުނަގާތީ އެކަމާ ގުޅިގެން ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މިއީ ދެ ދިވެއްސެއްގެ ތަޖުރިބާއެވެ. މިފަދަ ކަންކަން ތަޖުރިބާ ކޮށްފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.
ސިއްހީ ނިޒާމު ރަނގަޅުވާނެކަމުގައި އުންމީދުގައި ތިބި ދިވެހިން މިހާރު ތިބީ މިފަދަ ކަންކަމާ ހެދި މާޔޫސްވެފައެވެ. އެމްބިއުލާންސް ޕޮލިސީގެ ސަބަބުން ވެސް މާޔޫސްވެ އުންމީދު ގެއްލިފައެވެ.