އެ މަނިކުފާނުގެ "އަނގައިގައި މަލަން އަޅާފައި" ސަރުކާރުން ރައްޔިތުންނަށް ހަގީގަތް އޮޅުވައިލަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ މަނިކުފާނުގެ ތާއީދާ އެކު ވެރިކަމަށް އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރޭ ފާޑު ވިދާޅުވެއްޖެއެވެ.
ޔާމީން ވަނީ މި ވެރިކަމަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެކަމަކު، އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ރޭ ޔާމީން ވަނީ އެ މަނިކުފާނު އަމިއްލަފުޅަށް ޕާޓީ ދޫކޮށްރެއްވީ ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅުދައްކަވައިފައެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، "އަޅުގަނޑުމެން ދޫކޮށްލާފައި ބޭފުޅުން ވަޑައިގެންނެވުމަކީ އަޅުގަނޑުމެން ކުށްވެރިވާ ކަމެއް ނޫން ކަމަށް" ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި އޮތް ދަނޑިވަޅެއްގައެވެ.
އާ ޕާޓީއަށް ތާއީދު އިތުރުކޮށް، ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފުކޮށް އަރުވަން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު އަދިވެސް ބަންދެއްގައި ހުންނެވުމުގެ ސަބަބުން ޕީޕީއެމް/ޕީއެންސީއާއި އެ މަނިކުފާނާ ދޭތެރޭގައި ކަންތައްތައް ހިނގާދިޔަ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް މި އުޅެނީ މި ވާހަކަ ޓީވީ ކުރިމަތީގައި ރައްޔިތުންނަށް އޮޅުންފިލައިވަރަށް ނުބުނެވިގެން،" ޔާމީން ވިދާޅުވިއެވެ.
"އެކަމަކު، އަޅުގަނޑަށް މި ވާހަކަ ނުބުނެވުނީމާ އަޅުގަނޑުގެ އަޚުންގެ ގޮތުގައި ތިއްބެވި މިއަދު ސަރުކާރު ހިންގަވަން ވަޑައިގެން ތިއްބެވި ބޭފުޅުން މީގެ ނާޖާއިޒު ފައިދާ ވަރަށް ބޮޑަށް އެބަ ނަންގަވާ. އެހެންވީމާ ނާއިފު ވިދާޅުވެ ބައްލަވައި އަޅުގަނޑު އަޅުގަނޑުގެ ޕާޓީ ދޫކޮށްލާފައި ނުކުތީތޯ؟،"
ޔާމީން ވިދާޅުވީ، އެ މަނިކުފާނު ގެންދެވީ ޕީޕީއެމާއި ރައީސް މުއިއްޒަށް ތާއީދު ހޯދަން ވަރަށް ގިނަ މަސައްކަތް ކުރެއްވުމަށް ރާއްވަވަމުން ކަމަށެވެ. އަދި، ޕާޓީއަށް ގިނަ މެންބަރުން ހޯދުމާއި ކަންކަން ކުރަން މަސައްކަތް ކުރެއްވިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، އެ މަނިކުފާނަށް އެ ވާހަކަ ދެއްކެވެން ނެތުމުން ޔާމީން އެ ވަގުތު ޕޯޑިއަމްގައި ވާހަކަދައްކަވަން ހުންނެވި ޕީއެންއެފްގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް ކެންޑިޑޭޓު ނާއިފު ޝައުކަތު އަރިހުން ވަނީ ރައްޔިތުންނަށް އޮޅުންފިލައިވަރަށް އެ ކަންތައްތައް ހިނގާދިޔަ ގޮތް ސާފުކޮށްދެއްވަން އެދިވަޑައިގެންފައެވެ.
"އަޅުގަނޑަށް އުނދަގޫވެގެން މި އުޅެނީ އަޅުގަނޑު އަނގަމަތީ މަލަން އަޅާފައި ކަންކަން ހިނގީ އެހެންނޭ މިހެންނޭ ކިޔާފައި މި ވާހަކަ ދެއްކީމާ. އެއީ، އެ ފެންވަރުގައި ތިއްބެވި ބޭފުޅުންނާ ވަރަށް އެކަށީގެންނުވާ ވަރަށް ދަށު ދަރަޖައިގެ ކަންތައްތައް އެ ކުރައްވަނީ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޖަލު ބަންދުން ވީއްލި ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަދައްކައިލަން ލިބޭ ޕޯޑިއަމެއްގައި ކަންތައްތައް ހިނގައިދިޔަގޮތް ވަރަށް ތިލަކޮށް ސާފުކޮށް ވިދާޅުވާނަން ކަމަށެވެ.
ޔާމީންގެ އެދިވަޑައިގަތުމަށް ޖަވާބުދެއްވަމުން ނާއިފް ވިދާޅުވީ، ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ ވަކި ބޭފުޅެއްގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށެވެ. އެ މަނިކުފާނު މިއަދު އެ ކުރައްވާ މަސައްކަތަކީ ޕީޕީއެމްގެ ރައްޔިތުންނަށް ސިޔާސީ ފުރުސަތު ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ޔާމީން އެދިވަޑައިގެން ކަންކަމުގެ ތަފުސީލަކަށް އޭނާ ވެސް ވަޑައެއް ނުގަންނަވައެވެ.
މިދިޔަ 2022 ވަނަ އަހަރު ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ބަންދުގައި އެތައް ދުވަހެއް ވޭތުވީ ފަހުން މިދިޔަ ރިޔާސީ އިންތިޚާބު ނިމުމާ އެކު އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ވަނީ ޔާމީންގެ ޖަލު ބަންދު ގޭބަންދަށް ލުއިކޮށްދެއްވައިފައެވެ.
އެކަމަކު، އޭގެ ފަހުން ސަރުކާރު ބަދަލުވުމުން ޔާމީން ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ހުއްދައަކަށް އެދިވަޑައިގެންފައެވެ. ކަރެކްޝަންސްއިން ނިންމީ އެ ހުއްދަ ދެވެން ނެތް ކަމަށެވެ.
ޔާމީނަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިމި ހުކުމާ ހަމައަށް ވާސިލުވި ފަހުން ތިން މަހަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް ހައިކޯޓުގައި އެ އިސްތިއުނާފުގެ ހުކުމްކުރެވޭނެ ދުވަހެއް ނޭނގެއެވެ. އެހެންވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި ކޮންމެ ވެސް ނުރަނގަޅު ނުފޫޒެއް ފޯރައި ކަމަށް ތުހުމަތުކުރައްވައިފައެވެ.