ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 30،000 އަށް

އިސްރާއީލުން ދޭ ހަމަލާތަކުގައި ޣައްޒާގެ 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައި. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން. ފޮޓޯ/ބީބީސީ

ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 30،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ފެށި އެ ހަނގުރާމައަށް މިހާރު ވަނީ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައެވެ.

ޝަހީދުކޮށްލި މީހުންގެ އަދަދު 30،000 އަށް އަރައިފައިވާއިރު، އެއީ 2.3 މިލިއަންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ 1.3 އިންސައްތައާއި އެއްވަރުގެ އަދަދެކެވެ. ޝަހީދުކޮށްލައިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފާއިތުވެ 24 ގަޑިއިރުތެރޭގައި 81 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެއާއެކު ޣައްޒާގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 30035 އަށް އަރައިފައެވެ.

އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައާއި އެ ނޫން ވެސް ގޮތްގޮތަށް ގެއްލިފައިވާ އެތައްހާސް ބަޔަކު ވެސް އެބަތިބި ކަމަށާއި އެހެންވެ ޝަހީދުވި މީހުންގެ ސީދާ އަދަދު ކަނޑައަޅަން ނޭގޭ ކަމަށްވެސް ސިއްހީ ވުޒާރާއިން ބުނެއެވެ.

ހަމަލާތަކުގެ ސަބަބުން 70،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

އިސްރާއީލުގެ ރަހުމެއް ނެތް އުދުވާނާ ގުޅިގެން ޣައްޒާގެ ރައްޔިތުން ވަނީ ބިކަވެފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 2.3 މީހުން ވަނީ ނިކަމެތިވެފައެވެ. އެ މީހުން ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ހޮސްޕިޓަލުތައް ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފައެވެ. ސިއްހީ ހިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނުވާފައެވެ. ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅައި, އިސްރާއީލުން ދަނީ ޣައްޒާގެ ކުޑަކުދިން ހައިހޫނު ކަމުގައި މަރަމުންނެވެ.

comment ކޮމެންޓް