ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ދޭ ފަރުވާ އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމްކުރާނަން: ރައީސް

ރައީސް ހއ. ދިއްދޫގައި ވަހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ނަދީމް

ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ދޭންޖެހޭ ފަރުވާތަކާއި އެ ކަމަށް ބޭނުންވާ ޑޮކްޓަރުންނާއި ވަސީލަތް އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމްކޮށް، ކިޔެވުމުގެ ވަސީލަތްތައް ގާއިމްކޮށް ވީ އެންމެ އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ނ.މަނަދޫ، މާ ރިނދަ، ވަސްމާ ޔޫސުފް ވަނީ ނުކުޅެދުނަތެރިކަން ހުރި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އަތޮޅުތެރޭ ލިބެން ނެތް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ވަސްމާ ވަނީ އެ ކުދިންނަށް ބޭނުންވާ ސިއްޙީ ފަރުވާޔާއި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އަތޮޅުތެރޭގައި ނެތް ކަން ފާހަގަކޮށްފައެވެ. އަދި ތެލެސީމިއާ ކުދިންނަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިނާޔަތް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުން އޭނާ ވަނީ ސުވާލުކޮށްފައެވެ.

މި ކަންބޮޑުވުންތަަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުގައި ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ތައާރަފްކުރައްވާނެ ކަމަށެވެ.

"ކޮންމެ އަތޮޅެއްގައި ވެސް އަތޮޅު ހޮސްޕިޓަލްގައި ދެންމެ ތި ވިދާޅުވި ޑޮކްޓަރުން ބައިތިއްބާ ގޮތަށް، ޚިދުމަތްތައް ތައާރަފްކުރާ ގޮތަށް ނުކުޅެދޭ ކުދިންނަށް ދޭންޖެހޭ ހުރިހާ ތެރަޕީތައް ދިނުމާއި ފިޒިއޮތެރަޕީއާ އަދި ސައިކެއާޓިސްޓުންގެ ކަންތައް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ވީ އެންމެ އަވަހަށް މި ޚިދުމަތްތައް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުގައި ގާއިމުކުރުމަށް ނިންމައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސުކޫލުތަކުގައި ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ސެން ކުލާސްތައް ފެށުމަށް ކިޔެވުމަށް އެކަށޭނެ މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދެއްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ކުދިންނަށް ތައުލީމު ފޯރުކޮށްދެވޭ ވަރުގެ ޓީޗަރުން ނެތް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ކަމަށް ހާއްސަކޮށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: -- ފޮޓޯ/ އަބޫބަކުރު އަލީ ފައުންޑޭޝަން

"ޓީޗަރުން ނެތް ހަގީގަތުގަ ސެން ސްޕެޝަލް. އެ ކަމަށް ހާއްސަ ތައުލީމެއް ޓްރެއިނިންއެއް ލިބެން ޖެހޭނެ އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް. އެކަމުގެ މަސައްކަތްތަކެއް މިހާރު ފެށިފަ ވަނީ. އެ ދާއިރާއިން ޓީޗަރުން ތަމްރީނު ކުރުން އަދި އެކަމަށް ހާއްސަކޮށް ސުކޫލުތަކުގަ ގާއިމުކުރަން ޖެހޭ ފެސިޓީތައް ވެސް ގާއިމުކުރަން ޖެހޭ. އެކަމުގެ މަސައްކަތްތައް މިހާރު ފެށިފަ މި އޮތީ،" ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

އެއާއެކު، ރައީސް މުއިއްޒު ވިދާޅުވީ، ތެލަސީމިއާ ކުދިންގެ އިނާޔަތް ދިނުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ފައިސާ ދިނުމަށް ފަށާނެ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ ހަފުތާ 14ގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމު ކުރުމަށް ޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވައިން 71،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސަވާފައެވެ.

ހަމައެއާއެކު ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިދިޔަ އަހަރުގެ ތެރޭގައި ފަސް ކުދިން ފޮނުވާފައިވެއެވެ.

comment ކޮމެންޓް