ޣައްޒާގެ އުތުރަށް އިންސާނީ އެހީ ފޯރުކޮށްނުދޭތާ މަހެއް

ޣައްޒާއާއި އިސްރާއީލު އަދި މިސްރުގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ބަހައްޓައިފައިހުރި އެހީގެ ޓްރަކްތައް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

މިދިޔަ މަހު 23 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އުތުރަށް އެހީގެ އެއްވެސް ޓްރަކަކަށް ނުވަދެވޭ ކަމަށް އދ.އިން ބުނެފިއެވެ.

އދ.ގެ ތަރުޖަމާނު ސްޓެފަން ދޫޖަރިން ވިދާޅުވި ގޮތުގައި ޣައްޒާގެ އުތުރަށް ވައްދާ އެހީގެ ޓްރަކްތައް ވެއްދޭނެ އިތުރު ގޮތްތައް ހޯދަންޖެހެއެވެ. އަދި ޗެކްޕޮއިންޓުތަކުން ބަލައި ފާސްކުރުން އަވަސްކޮށް އެހީ ވެއްދޭނެ ރައްކާތެރި ގޮތެއްވެސް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކާނާއާބެހޭ ޖަމުއިއްޔާއިން ހާމަކޮށްފައިވާ ގޮތުން މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ކާބޯތަކެތި ތައްޔާރަށް ހުރި ނަމަވެސް އެތަކެތި ވެއްދޭނީ އިސްރާއީލުން ކަނޑައަޅައިފައިވާ ވަކި ޝަރުތުތަކެއްގެ ދަށުންނެވެ. ސަރަހައްދީ ރޮނގު ކައިރީގައި 15،000 މެޓްރިކް ޓަނުގެ ކާބޯތަކެތި ހިފައިގެން 1000 ޓްރަކް ތައްޔާރަށް އެބައޮތް ކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެއެވެ.

އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްނުދެވޭ މައިގަނޑު މައްސަލައަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާނުވެ ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދާތީ ކަމަށް ދޫޖަރިން ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނަސްލު ނައްތާލުމުގެ މަގްސަދުގައި ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށް އެތައް ހާސް ބަޔަކު ވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެއާއެކު 1948 ވަނަ އަހަރަށް ފަހު ނަސްލު ނައްތައިލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް އިސްރާއީލު ވަނީ ދުނިޔޭގެ އެންމެ މަތީ ކޯޓަށް ހާޒިރުކޮށްފައެވެ.

comment ކޮމެންޓް