ރައްޔިތުން ތިޔަ ނިންމަވަނީ، މަޖިލީހުން ސަރުކާރަށް ހުރަސް އަޅަން ފުރުސަތު ދޭނީތޯ ނޫންތޯ: ރައީސް

މަޖިލީހުގެ ރައީސް އަސްލަމް (ވ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ): މަޖިލީހުން ސަރުކާރަށް ހުރަސް އަޅަން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް މިއަދު ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ދިނުމާއި ނުދިނުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހައްލު ކުރަން ހުރި އެންމެ މުހިންމު މައްސަލަކަމަށްވާ ގެދޮރުވެރިކަމުގެ މައްސަލަ ފަދަ ކަންކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބިލުތައް ހަދައިގެން، ގާނޫނުތައް ފާސްކުރަން މަސައްކަތް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން ރަނގަޅު މަގުން އިގްތިސާދު ހަރުދަނާ ކުރަމުން މިދެންނެވި ފުރުސަތުތައް ފަހިކުރުމުގެ މަސައްކަތް ބާރުމިނުގައި ރަނގަޅު މިސްރާބުން ގެންދަމުންދާ މި ދަނޑިވަޅުގަައި، ރައްޔިތުންގެ އަތްމައްޗަށް މި އަންނަނީ މަޖިލިސް ތެރެއިން މިކަމަށް ހުރަސް އަޅަން ތިމަންނަމެން ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ ނިންމާނެ ވަގުތު،" ރައީސް ވިދާޅުވިއެވެ.

މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ނިންމާނީ ސަރުކާރަށް މަޖިލީހުން ހުރަސް އެޅުމަށް ފުރުސަތު ނުދޭން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ މަންފާއެއް ނެރެދޭނެ ކެންޑިޑޭޓުން ހޮވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ގެދޮރުގެ މައްސަލައަކީ މަނަދޫގައި އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހުރަސްތައް ނެތިދިޔުމުން، މަނަދުއާއި ރާއްޖޭގެ ވެސް ގެދޮރުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"އޭރުން އެ ކަން ހައްލު ކުރުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ކުރެވިގެންދާނެ. ހަމަ ދެންމެ ދެންނެވި ގޮތަށް މި ފަސް އަހަރު ނިމޭއިރުގައި މި ރާއްޖޭގައި ނުހުންނާނެ ގެދޮރުގެ މައްސަލައަށް ހައްލެއް ނުލިބޭ އެކަކުވެސް. އެކަން ހާސިލްވާނެ އޭރުން އިރާދަ ކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުން ސަރުކާރަށް ފުރުސަތު ފަހިކޮށްދިނުމުން ގެދޮރުގެ މައްސަލައިގެ އިތުރުން އެހެނިހެން މައްސަލަތަކަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ވަނީ މަޖިލިސް އިންތިޚާބަށް އަމާޒަކީ ވެރިކަން ކުރާ ޕީއެންސީ އާއި ޕީޕީއެމަށް ސުޕަމެޖޯރިޓީ ހޯދުން ކަމަށް ވިދާޅުވެފައެވެ.

މިހާރު މަޖިލީހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތެވެ. އެ ޕާޓީން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކާއެކު ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަސޭހަކުރެވޭ ގޮތް ހެދިއެވެ.

އެއީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ މެންބަރުން ނުލައި މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގަވާއިދަށް ގެނައި އެ ބަދަލާއެކު މި ދައުރު ނިމެންދެން މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެ ދެ ޕާޓީގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.

މީގެ އިތުރުން މަޖިލީހުން ވަނީ އިންތިޚާބުތައް ރޯދަ މަހު ނުބޭއްވޭ ގޮތަށް ބިލެއް ފާސްކޮށްފައެވެ. އެ ބިލުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަން ހުރި ކަމަށް ވިދާޅުވެ ރައީސް ބިލް އަނބުރާ ފޮނުވައިލެއްވި ނަމަވެސް މަޖިލީހުން ވަނީ އަލުން އެ ބިލް އޮތް ގޮތަށް ފާސްކޮށްފައެވެ.

އެ ބިލުގެ މަގުސަދަކީ ރޯދަމަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް އިންތިޚާބު ފަސްކުރުން ކަމަށްވީ ނަަމަވެސް މިއަދު ވެސް ރައީސް ވަނީ، އިންތިޚާބު އޮންނާނީ މިހާރު ކަނޑައަޅާފައި އޮތް ތާރީޚުގައި ކަމަށް ތަކުރާރުކުރައްވާފައެވެ.

comment ކޮމެންޓް