އަންހެނުން ކޮމިޓީގެ މެންބަރުންނަށް ދޭ މުސާރަ ބޮޑުކުރާނަން: ރައީސް

ރައީސް ފުނަދޫގައި: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އެލޮވެންސް ބޮޑު ކުރަނީ -- ފޮޓޯ/ މޫސާ ނަދީމް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތަކަށް އެ މަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ދެނީ ފިކްސްޑް އެލޮވެންސްގެ ގޮތުގައި ލިބޭ އަދަދަކާއި ސިޓިން އެލޮވެންސްގެ ގޮތުގައި ކޮންމެ މަހަކުު އެ ލިބޭ އަދަދެކެވެ. ފިކްްސްޑް އެލޮވެންސްގެ ގޮތުގައި ކޮމިޓީގެ ކޮންމެ މެންބަރަކަށް އެއްވެސް އުނިއިތުރަކާ ނުލައި އެ އަދަދު ލިބެއެވެ. އެހެން ނަމަވެސް އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލޮވެންސްގެ ގޮތުގައި އަދަދެއް ދޭއިރު، އެ އެލޮވެންސް ކޮންމެ މަހަކު ވެސް ދެނީ ގިނަވެގެން ހަތަރު ބައްދަލުވުމަށެވެ. އެހެންކަމުން މިހާރު އެ ކޮމެޓީތަކުގެ މެންބަރުންނަށް މަހަކު 6،000 ވަރަކަށް ރުފިޔާ ލިބެއެވެ.

މި ކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އެލަވަންސް މުސާރައަކަށް ބަދަލުކޮށް، މުވައްޒަފުންނަށް ދޭން ޖެހޭ ހުރިހާ އިނާޔަތްތައް ލިބޭނެ ގޮތް ހައްދަަވައިދެއްވާނެ ކަމަށެވެ. އަދި އެ މެންބަރުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތަކަކީ މުސާރައިގެ އިތުރުން ލިބޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާނެ ކަމަށެވެ.

އެހެން ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރައަށް އެކަށީގެންވާ ހެޔޮބަދަލު ގެނައުމަކީ ގާނޫނަށް އިސްލާހު ގެނެސްގެން ކުރެވޭނެ ކަމަކަށްވާތީ، އެ ކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ވިސްނުމުގައި ތިބި މެންބަރުންތަކެއް ތިބެންޖެހޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ވިސްނުމުގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮތުމަކީ މިކަހަލަ މުހިންމު ކަންކަން ކުރުމުގައި ދާދި ފަސޭހަ ކަމަކަށްވާނެ. އެހެންވީމާ އަޅުގަނޑުމި ޔަގީންކަން ދެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކޮށްދޭ ރައްޔިތުންގެ މަޖިލީހެއް އޮވެއްޖެ ނަމަ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީތަކަކުން އެދެމުންދާ ހުރިހާ ކަމެއް އެއީ ގާނޫނުގެ ތެރެއިން އަޅުގަނޑު ވަރަށް ތާއީދުކުރާ ކަންކަމަށްވީމަ ބަދަލުކޮށްދޭނަމޭ" ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހާރު އަތޮޅަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ގެންދަވަނީ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

comment ކޮމެންޓް