ރޯދައިގެ ކުރިން ޣައްޒާ ހަނގުރާމަ މެދުކަނޑައިލަން ބާރުއަޅާނަން: ގަތަރު

ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންޞާރީ -- ފޮޓޯ/ރޮއިޓާސް

ރަމަޟާން މަސް ފެށުމުގެ ކުރިން ޣައްޒާ ހަނގުރާމަ މެދުކަނޑައިލުމަށް ބާރުއަޅާނެކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންޞާރީ ވިދާޅުވީ ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ވަރަށް ބޮޑަށް ބާރުއަޅާނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލައި ރަހީނުން މިނިވަންކުރުމަށް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ގަތަރާއި އެމެރިކާ އަދި މިސްރު މެދުވެރިވެގެންނެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ، މިއަދު ނޫނީ މަދަމާ ކަމެއް އިއުލާނުކުރާކަށްނޫން. ނަމަވެސް ކޮންމެ ވެސް ކަމަކަށް އެއްބަސްވެވޭވެނެ ކަމަށް،" އަންޞާރީ ވިދާޅުވިއެވެ.

އަންޞާރީ އެގޮތަށް ވިދާޅުވީ ރަމަޟާން މަހުގެ ކުރިން އަންނަ މާޗު މަހު ހަނގުރާމަ މެދުކަނޑައިލައި ރަހީނުން ދޫކޮށްލުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނިކޮށެވެ.

ނަމަވެސް ހަނގުރާމަ މެދުކަނޑައިލުމާބެހޭ އެއްވެސް ނިންމުމެއް މިހާތަނަށް ވެސް ނިންމައިފައެއްނުވެއެވެ.

ހަނގުރާމަ ހުއްޓައިލުމަށް މިސްރާއި ގަތަރު އަދި އެމެރިކާ މެދުވެރިވެގެން ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ވެސް އިސްރާއީލާއި ހަމާސްގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. އަދި، އޭގެ ކުރިން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ޕެރިހުގައި ބޭއްވި މަޝްވަރާތަކުގައި ހަމާސްއިން ބައިވެރިވެފައެއްނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއެއްގެ ރައްދުގައި ކަމަށްބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 29،878 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން ބުނާ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި 250 މީހުން ގެންގޮސްފައިވާއިރު، އޭގެ ތެރެއިން މިހާރު ޣައްޒާގައި ތިބީ 130 މީހުންނެވެ. އަދި، ގާތްގަޑަކަށް 30 މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

މިދިޔަ ނޮވެމްބަރު މަހު ހަފުތާއެއްގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލައި 100 އަށްވުރެ ރަހީނުން ހަމާސްއިން ވަނީ މިނިވަންކޮށްފައެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 240 މީހުން ވަނީ މިނިވަންކޮށްފައެވެ.

comment ކޮމެންޓް