ބޮލީވުޑް އިތުރު ފިލްމެއް އަރަބި ޤައުމުތަކުގައި މަނާކޮށްފި

ބަތަލާ ޔާމީ ގޯތަމް-- ފޮޓޯ/ބޮލީވުޑްހަންގާމާ

މި މަހުގެ 23 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ބަތަލާ ޔާމީ ގޯތަމްގެ ފިލްމު "އާޓިކަލް 370" ޢަރަބި ޤައުމުތަކެއްގައި ދެއްކުން މަނާކޮށްފިއެވެ.

ޕޮލިޓިކަލް ތުރިލާ "އާޓިކަލް 370" ޢަރަބި ޤައުމުތަކުގައި ދެއްކުން މަނާކުރިއިރު މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަންގެ ފިލްމު "ފައިޓާ" ވެސް ވަނީ ޢަރަބި ޤައުމުތަކުގައި ދެއްކުން މަނާކޮށްފައެވެ.

ޔާމީ ގޯތަމް އަސްކަރީ އެޖެންޓެއްގެ ރޯލްއިން ފެންނަ މި ފިލްމަށް އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިހާތަނަށް ފިލްމަށް 25.45 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ޔޫރަޕްގެ ޤައުމުތަކުގައި އިންޑިއާގެ ފިލްމުތަކަށް ތަރުހީބު ލިބުނު ނަމަވެސް ޢަރަބި ޤައުމުތަކުން ބޮލީވުޑްގެ ފިލްމުތައް ދެއްކުން މަނާކުރާތީ މިއީ ހިންދީ ފިލްމުތައް އެ ޤައުމުތަކުގައި ބޮއިކަޓް ކޮށްފާނެކަމުގެ އިޝާރާތެއް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ޢަރަބި ބައެއް ޤައުމުތަކުގައި ދެއްކުން މަނާކޮށްފައިވާ ފިލްމު "ފައިޓާ"ގެ ޕޯސްޓަރެއް-- ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޢަރަބި ޤައުމުތަކުގައި ހިންދީ ފިލްމުތައް ދެއްކުން މަނާކުރަން ފަށާފައިވާތީ އޭގެ ސަބަބުން އެ ޤައުމުތަކުގެ ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އިންޑިއާގައި އުފައްދާ ފިލްމުތައް ޢަރަބި ބައެއް ޤައުމުތަކުގައި ދެއްކުން މަނާކޮށްފައިވާއިރު އިންޑިއާގައި އުފައްދާ ގިނަ ޢަދަދެއްގެ ފިލްމުތަކެއް ޢަރަބި ޤައުމުތަކުގައި ވަނީ ޝޫޓްކޮށްފައެވެ.

ޢަރަބި ބައެއް ޤައުމުތަކަކީ ފިލްމު އުފައްދާ ޕްރޮޑިއުސަރުންގެ މެދުގައި މަގުބޫލު މަންޒިލްތަކަށް ވެފައިވާއިރު މިއީ ހިންދީ ފިލްމު އުފައްދާ ޕްރޮޑިއުސަރުން ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

އޭޝިއަން ނިވްސް އިންޓަނޭޝަނަލް (އޭއެންއައި) ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުން "އާޓިކަލް 370" ދެއްކުން މަނާކުރި ޤައުމުތަކުގެތެރޭ ސަޢޫދީ ޢަރަބިއާ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ)، ޤަތަރު، އޮމާން އަދި ބަޙްރައިން ހިމެނެއެވެ.

comment ކޮމެންޓް