ކަންގަނާ މަޖިލީހަށް ވާދަކުރަނީ؟

ކުރިން ވެސް ސިޔާސީ ދާއިރާއަށް ނުކުންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ބަތަލާ ކަންގަނާ ރަނާވަތު އަނެއްކާ ވެސް އެ ދާއިރާއިން ކުރިއަށްދާން ވިސްނާފައިވާ ކަމަށް ބުނެފިއެވެ.

މިދިޔަ އަހަރުތެރޭ ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުންނަން އުޅޭ ޚަބަރާ ގުޅޭގޮތުން މީޑިއާއިން ސުވާލުކުރުމުން ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ އިސްކަންދޭނީ ފިލްމީ މަސައްކަތްތަކަށް ކަމަށާއި ސިޔާސީ ދާއިރާއަށް ނުކުންނަށް އޭރު އަދި ތައްޔާރު ނޫންކަމުގައެވެ.

ދާދި ފަހުން އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނެފައިވަނީ މި އަހަރު ތެރޭ ސިޔާސީ މައިދާނުން ފެނިދާނެ ކަމަށާއި މިއީ އެ ކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މި އިންޓަވިއުގައި ކަންގަނާ ބުނެފައިވަނީ މީގެ ކުރިން ވެސް ފިލްމު ސެޓުތަކުގައި އޭނާ ވާނީ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ވަރަށް ވަރުގަދައަށް ބަހުސްކޮށްފައި ކަމަށެވެ.

ހަތަރު ފަހަރު މަތިން އިންޑިއާގެ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ ބުނެފައިވަނީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމުގެ ބަދަލެއްގެ ގޮތުން ޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ.

ކަންގަނާ ރަނާވަތު އަދި އާރް މާދަވަން ފިލްމު "ތަނޫ ވެޑްސް މަނޫ"ގެ މަންޒަރެއްގައި-- ފޮޓޯ/ ފޭސްބުކް

މީގެ ކުރިން ވެސް ސިޔާސީ ދާއިރާއިން ކުރިއަށްދާން ކަންގަނާއަށް ވަރަށް ގިނަ ފުރުސަތުތައް ލިބުނު ކަމަށާއި އެހެންނަމަވެސް އޭރު ސިޔާސީ ދާއިރާއަށް ނުކުތުމުގެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ކަންގަނާ އަންނަނީ މި އަހަރު ބާއްވާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ގޮނޑިއަކަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. މިދިޔަ އަހަރު ދެ ފިލްމަކުން ބެލުންތެރިންނަށް ފެނުނު ބަތަލާ އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އިމަޖެންސީ"އިންނެވެ.

comment ކޮމެންޓް