ވިދްޔާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަންގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް އުފައްދާ އެ އެކައުންޓު މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ ހޯދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ވިދްޔާގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް އުފެއްދި މީހާ ވަނީ ބަތަލާގެ ނަމުގައި ފޭކް ޖީމެއިލް އެކައުންޓެއް ވެސް ހުޅުވާފައެވެ. ވިދްޔާގެ ޓީމުގެ ސަމާލުކަމަށް މިކަން އައުމާ އެކު ބަތަލާގެ ޓީމުން ވަނީ މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ.

ބަތަލާ ވިދްޔާއާ ހަވާލާދީ މުމްބާއީގެ ފުލުހުން ބުނެފައިވަނީ ފޭކް ޖީމެއިލް އެކައުންޓު އަދި އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ސްކޭމަރުން ވަނީ އާއްމުންނަށް ވަޒީފާގެ ފުރުސަތުތައް ހުރިކަމަށް ބުނެ ފައިސާ ހޯދުމުގެ މަސައްކަތްކޮށްފައެވެ. އާއްމުންނާ އެކު މުއާމަލާތްކޮށްފައިވަނީ ވިދްޔާގެ ނަން ބޭނުންކޮށްގެން ކަމަށާއި މުއާމަލާތް ހިންގި މީހުންގެ ތެރޭގައި ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ވެސް މުމްބާއީ ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

އިންޑިއާގެ އައިޓީ އެކްޓްގެ ސެކްޝަން 66(C)ގައިވާ ގޮތުން އެހެން މީހެއްގެ ނަމާ އެކު އިލެކްޓްރިކް ސޮއި ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ހިންގުމަކީ ޤާނޫނީ މަނާކަމެކެވެ. މި ޤާނޫނުގެ ދަށުން އެފަދަ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާ ތިން އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މީގެ އިތުރުން، އެއް ލައްކަ ރުޕީސްއާ ގާތްކުރާ އަދަދަކަށް ބޮޑު ޖޫރިމާނާއެއް ވެސް ބަދަލެއްގެ ގޮތުގައި މި ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހެއެވެ.

ސޯޝަމް މީޑިއާ މެދުވެރިކޮށް ފިލްމީ ތަރިންގެ ނަމުގައި ސްކޭމްތައް ހިންގުމަކީ އިންޑިއާގައި ފަހަކަށް އައިސް ވަރަށް ގިނައިން ހިނގާ ކަމެކެވެ. ދާދިފަހުން ސައުތު ސިނަމާގެ ފިލްމީ ތަރި މަހޭޝް ބާބޫގެ ދަރިފުޅު ސިތާރާގެ ނަމުގައި ވެސް ބަޔަކު ވަނީ ފޭކް އެކައުންޓެއް ހެދުމަށް ފަހު ފައިސާގެ މުއާމަލާތްތައް ހިންގާފައެވެ.

comment ކޮމެންޓް