ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް، ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވަނީ ދާއިރާގެ ރައްޔިތުންނަށް ފުދުންތެރި، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އެމްޑީއޭގެ ފަރާތުން ދާއިރާއަށް ވާދަކުރައްވާ ހުސައިން ސާލިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ މަޖިލިސް ބަހުސްގައި އޭނާވަނީ އޭނާގެ ތަޞައްވުރު ހާމަކުރައްވައިފައެވެ. އެގޮތުން ދާއިރާގައި ހުރި އެކިއެކި މައްސަލަތަކާއި އެ ކަމުގެ ހައްލު ހާމަކުރެއްވިއެެވެ.

އެގޮތުން ސާލިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އޭނާގެ ދާއިރާއަށް ވެސް ދިމާވެފައި އޮތް ބޮޑު މައްސަލައެއްކަމަށާއި، އެ ކަަން ހައްލުކުރުމަށް މުހިންމީ ގާނޫނީ ގޮތުން ހައްލެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ބިންތައް އަގުކޮށް، ހެޔޮ އިންޓަރެސްޓު ރޭޓުތަކުގައި ގެދޮރު ބިނާކުރަން ލޯނު ދޫކުރެވޭނެ މަގު ގާނޫނީ ގޮތުން ފަހިވާންޖެހޭކަމަށް ވިދާޅުވިއެވެ.
"އެ ކަން ކުރަން އަޅުގަނޑު މި އަންނަނީ. އަޅުގަނޑުގެ މަގްސަދަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުން. ރައްޔިތެެއް ބިނާކުރެވޭނީ ހަމަޖެހޭ ރައްޔިތެއް ބިނާކުރެވިގެން. ހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ ގެދޮރު ބަރާބަރަށް ލިބިގެން،" ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ އިގްތިޞާދީ ނަފާވެރިކަން އިތުރުކުރުމަށް ޓަަކައި ސަރުކާރުގެ އިންވެސްޓްމަންޓުތައް އެ ރަށަކަށް މުހިންމު ކަމަށެވެ. އެގޮތުން ޓޫރިޒަމަށް ފަހި ރަށްރަށަށް އެ ފަދަ އިންވެސްޓުމަންޓުތަކާއި، ދަނޑުވެރިކަމުގެ ރަށްރަށަށް އެ ފަދަ އިންވެސްޓުމަންޓުތައް މުހިންމު ކަމަށް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާއަށް އެމްޑީއޭއިން ވާދަ ކުރައްވާ ސާލިމް، ސަޕޯޓަރުންނާއެކު-- ފޮޓޯ: ސާލިމްގެ ކެމްޕެއިން ޓީމް
މީގެ އިތުރުން އޭނާ ވިދާޅުވީ ރަށްތަކުގައި އަސާސީ ޚިދުމަތްތައް އަދިވެސް ގާއިމްވެފައި ނެތުމަކީ ކަން އޮންނަންޖެހޭނެ ގޮތެއް ނޫން ކަމަށެވެ. މާލީ ގޮތުން ރާއްޖެއަށް ލިބޭ މަންފާއާއެކު، ގާނޫނީ ނިޒާމު ރަނގަޅުކޮށް އެ ޚިދުމަތްތައް ގާއިމްކުރަން ބާރު އަޅުއްވާނެކަމަށް ވެސް ސާލިމް ވިދާޅުވިއެވެ.
"އަޅުގަނޑު މި ދާއިރާއަށް ކުރިމަތިލީ މި ހުރިހާ ކަންތައްތަކެއް އެނގިހުރެ. ދާއިރާގެ ނުހުންނާނެ އަޅުގަނޑު ނުވަންނަ. އަތޮޅުގެ ގެއެއް ނުހުންނާނެ އަޅުގަނޑު ނުވަންނަ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވައިފައެވެ.
މިހާރު ކަނޑައެޅިފައިވާގޮތުން މަޖިލިސް އިންތިޚާބު އޮންނާނީ މި ފެށޭ މާޗު މަހުގެ 17ވަނަ ދުވަހެވެ. ކެނދިކުޅުދޫ ދާއިރާގައި ވޯޓުލާނީ، ކެނދިކުޅުދޫ، ހެނބަދޫ އަދި މާޅެންދޫ ރައްޔިތުންނެވެ.