ފާނަބަސަނދުން ރައްކާތެރިވާން އިލްތިމާސްކޮށްފި

ފާނަބަސަނދު --

ފާނަބަސަނދު (ޗިކެންޕޮކްސް) އިން ރައްކާތެރިވުމަށް، ހެލްތު ޕުރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޗިކެންޕޮކްސްގެ ކޭސްތައް އިތުރުވެފައިވާ ކަމަށާއި މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. މިގޮތުން އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވާނެ ގޮތް ހިއްސާކޮށްފައެވެ.

އެއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ގައިގައި ހިމަ ބިހިތަކެއް ނެގުން ހިމެނެއެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.

ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

އަދި، ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުމާއި ބަލި ޖެހިފައިވާ މީހާ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާގިލަންދެން ބޭރު ތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މި ވެކްސިން އާންމުކޮށް ފާމަސީތަކުގައި ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް