ކޮރަޕްޝަން ހުއްޓުވަން އިސްލާމިކް މިނިސްޓްރީއާއި އޭސީސީން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަން ހުއްޓުވަން އިސްލާމިކް މިނިސްޓްރީއާއި އޭސީސީން އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

ކޮރަޕްޝަން ހުއްޓުވަން ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ކޮރަޕްޝަން ހުއްޓުވަން ފަހުމުނާމާގައި ސޮއިކުރަން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭސީސިގެ ފަރާތުން ސޮއިކުރެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ މަގުސަދަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ.

އެގޮތުން އެ ފަހުމުނާމާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި މިނިސްޓްރީ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަގުސަދު ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ކުރާނެ މަސައްކަތްތައް ކަނޑައެޅުން.
  • ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކޮމިޝަނުން ދޭ ލަފައާއި އިރުޝާދު ތަންފީޒު ކުރުމުގައި ދެ ފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ކަނޑައެޅުން
  • މިނިސްޓްރީއާއި އޭސީސީއާ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސް އެއް ގާއިމުކޮށް އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން
  • މިނިސްޓްރީއާއި އޭސީސީ ގުޅިގެން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލުމާތު ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުން.

ކޮރަޕްޝަން ހުއްޓުވަން ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި އޭސީސީއާ ދެމެދު ފަހުމުނާމާގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

މިނިސްޓަރު ޝަހީމް ވަނީ މިކަމާ ގުޅިގެން އޭސީސީގެ ރައީސަށާއި، އެ ކޮމިޝަނުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ފަހުމުނާމާގެ ދަށުން އެ މިނިސްޓްރީން މަސައްކަތްކުރާނީ ވަރަށް އިޚުލާސްތެރިކަމާ އެކީގައި ކަމަށެވެ.

"އަޅުގަނޑު ޔަގީން ކޮށްދެނީ މިއަދު ވެސް މި ފަހުމުނާމާގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަރަށް އިޚްލާސްތެރިކަމާ އެކީގައި މަސައްކަތް ކުރާނެކަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ރަނގަޅު ގޮތުގައި ދަމަހައްޓައި، އިތުބާރު ހިފޭ ގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމުކަން ދޭ ކަމެއް ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި އޭސީސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އޭސީސީގެ ރައީސް ޝާމިލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަމަން ލަތީފް

މި ރަސްމިއްޔާތުގައި ވާހަަކަދައްވަމުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، އެ ކޮމިޝަނުން ފަސާދައާއި ދެކޮޅަށް ކުރާ މަސައްކަތަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިގެން ނޫނީ އޭގެ ހަގީގީ މަގުސަދު ހާސިލުނުވާނެ މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން ކުރާ މަސައްކަތުގައި އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.

"އޭސިސީން މި ކުރާ މުހިންމު މަސައްކަތުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އަލިގަދަ ހެއްކެއް މިއަދަކީ ވެސް. އެެހެންވީމަ އެއަކާ މެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ހިތުގައި ނުހިނގާ،" ޝާމިލް ވިދާޅުވިއެވެ.

އޭނާ ވަނީ މިނިސްޓަރަށާއި އެ ކަމުގައި ހަރަކަތްތެރިވާ މުޅި ޓީމަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް