މިސްކިތްތަކުގެ ކަރަންޓު ޚަރަދު، ޑޮމެސްޓިކް ރޭޓަށް ތިރިކުރަނީ

ހދ. ކުޅުދުއްފުށީގައި ރައީސް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ -- މޫސާ ނަދީމް

ރާއްޖޭގައި ކައުންސިލަތްކުން ބަލަހައްޓާ ހުރިހާ މިސްކިތެއްގެ ކަރަންޓު ޚަރަދު އަންނަ މަހުން ފެށިގެން ޑޮމެސްޓިކް ރޭޓަށް ތިރިކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ބަޖެޓުން ލިބެނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އަދި އެ ފައިސާއިން ކަރަންޓު ބިލު ދައްކާ، މަގު ބައްތި ދިއްލާ، މިސްކިތްތަކަށް ކަރަޓު ބިލު ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ތަނަކަށް ބިލު ދައްކާއިރު ރޭޓު އިންނަނީ ގަވަމަންޓް ރޭޓު ކިޔާ ރޭޓެއްގައިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިއީ އަގުބޮޑު ރޭޓެއް ކަމަށާއި އެކަމުގެ ޝަކުވާ ކައުންސިލްތަކުން އައިސްފައި ވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޑޮމެސްޓިކް ރޭޓަށް، މިސްކިތުގެ ކަރަންޓު ޚަރަދު ކުޑަ ކުރުމުން ވަރަށް ބޮޑު އެއްޗެއް ކައުންސިލް ބަޖެޓުން ސަލާމަތް ވާނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"އެތައް މިލިއަން ރުފިޔާއެއް ފެނަކައާ ސްޓެލްކޯއަށް ގެއްލޭނެ. ޚާއްޞަކޮށް ފެނަކައަށް. ދެން އަޅުގަނޑުމެން ފެނަކައަށް އެހެން އުސޫލަކުން އެމީހުންނަށް އާމުދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދޭނަން،" ފެނަކަ ހަރުދަނާކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިގްތިޞާދު ނަގާ ކޮޅަށް ޖެހޭ މިންވަރަކުން އަދި ފެނަކައިގެ ދަރަނި އަދާކުރެވޭ މިންވަރަކުން މަގު ބައްތި ދިއްލަން ކުރާ ޚަރަދާއި ޕާކުތަކަށް ކުރާ ޚަރަދުތަކުގެ ރޭޓު ވެސް ޑޮމެސްޓިކް ރޭޓަށް ތިރި ކުރެވޭނެ ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ މިފަދަ ކަންކަން ކައުންސިލްތަކަށް ކޮށްދީގެން، ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ހިތްހަމަ ޖެހުން ހޯދައިދޭން ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް