އިންޑިއާ ސިފައިން ފޮނުވާލުމަށް، ސިވިލިއަން ކުރޫ ރާއްޖެ އަތުވެއްޖެ

އޭޕްރިލް 27، 2016: ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އުދުުއްސުމަށް މިހާރު އައްޑޫ ސިޓީގައި ތިބި އެގައުމުގެ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓު ކުރުމަށް އަންނަ ސިވިލިއަން ކުރޫ މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި ޓީމުން މިރޭގެ ވަގުތެއްގައި ހެލިކޮޕްޓަރު މަސައްކަތާ ހަވާލުވާން ފަށާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެ ކަމަސް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ، އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު، މަރާމާތަށް އިންޑިއާއަށް ގެންދިއުމަށް މާދަމާއިން ފެށިގެން ހެލިކޮޕްޓަރު ޓެސްޓު ފްލައިޓުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ބޭނުންކުރާ ހެލިކޮޕްޓަރު ގެނައުމަށް އިންޑިއާގެ މަނަވަރެއް އަންނަ ބުދަ ދުވަހު އައްޑޫއަށް އަންނާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އައްޑޫގައި ގާއިމްކޮށްފައިވާ ސިފައިން ފޮނުވާލަން ހަމަޖެހިފައި ވަނީ، އަންނަ މާޗް މަހުގެ 10ވަނަ ދުވަހުގެ ކުރިންނެވެ. އަދި ލ. ކައްދޫއާއި ހދ. ހަނިމާދޫގައި ގާއިމް ކޮށްފައިވާ ސިފައިން ފޮނުވާލަން ހަމަޖެހިފައި ވަނީ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އައްޑޫގައި ތިބި ސިފައިން ފޮނުވާލަން ހަމަޖެހިފައިވާ ތާރީޚަށް ފޮނުވާ ލެވޭނެ ކަމަށެވެ. އަދި ކައްދޫއާއި ހަނިމާދޫގައި ތިބި ސިފައިން ފޮނުވާލުމަށް ކުރަންޖެހޭ މަޝްވަރާތައް ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކުރާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އިންޑިއާ ސިފައިންގެ ވާހަކައަކީ ކެމްޕެއިން ތެރޭގައި ވެރިކަން ކުރާ ޕީއެންސީން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. އަދި ވެރިކަމުގެ ފުތަރަމަ ދުވަހުން ފެށިގެން އިނޑިއާ ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރައްވާނެކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރުގެ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އެގައުމާއެކު ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިމަހުގެ އަށް ވަނަ ދުވަހު ބުނެފައިވަނީ، އެގައުމުން ރާއްޖެއަށް ހަދިޔާކުރި ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި މިހާރު ހަރަކާތްތެރިވާ ސިފައިން އަނބުރާ ގެނައުމަށްފަހު ރާއްޖެއަށް ފޮނުވާނީ ފަންނީ މުވައްޒަފުން ކަމަށެވެ.

comment ކޮމެންޓް