ޗެލްސީ ބަލިކޮށް ކަރަބާއޮ ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލަށް

ލިވަޕޫލްގެ ކުޅުންތެރިން ކަރަބާއޮ ކަޕްގެ ތައްޓާއެކު -- ފޮޓޯ/ ދި ޕެނިންސޫލާ ގަތަރު

ކަރަބާއޮ ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޗެލްސީ ބަލިކޮށްގެންނެވެ. ލިވަޕޫލުން މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

މެޗަށް ލިވަޕޫލުން ނިކުތީ އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނާ ނުލައެވެ. މީގެ ތެރޭގައި ފޯވަޑް ލައިނުގައި ފާހަގަ ކޮށްލެވޭ ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހް، ޑަވިން ނޫނޭޒް އަދި ޑިއޮގޯ ޖޮޓާ ހިމެނޭއިރު ޑިފެންސަށް ބަލާއިރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑާއި ކީޕާ އެލިސަން ބެކާ ހިމެނުނެވެ. ފުރަތަމަ ހާފުގައި އަނިޔާވެގެން ރަޔަން ގްރަވެންބާޗް ވެސް ވަނީ ބާލަން ޖެހިފައެވެ.

އެހެންކަމުން މި މެޗުގައި ލިވަޕޫލް ޓީމުން ޒުވާން ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. މި އަނިޔާތަކާ އެކު ވެސް އެ ޓީމުން ވަނީ ބޮޑު ހަރަދުކޮށްގެން އެކުލަވާލައިފައިވާ ޗެލްސީގެ ޓީމާއި އެއް ހަމައެއްގައި އަދި ގިނަ ފަހަރަށް އެއަށްވުރެ ވެސް ރަނގަޅަށް މެޗުގައި ކުޅެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔަ ތަނެވެ. މިގޮތުން މި ހާފުގައި ލިވަޕޫލުން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުނު ކަމަށް ހީވެގެންދިޔަ ނަމަވެސް އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ޖެހި ލަނޑު ވަނީ އެ ޓީމުގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ވަޓާރޫ އެންޑޯ އޮފް ސައިޑްގައި ހުރެ ކުޅުމަށް ހުރަސް އެޅިކަމަށް ވީއޭއާރުން ބެލިބެލުމުން ފާހަގަވުމާ ގުޅިގެންނެވެ. މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓަމުންދިޔަ ކައޮމްހިން ކެލެހާގެ މޮޅު ކުޅުން ފާހަގަވިއެވެ. މިގޮތުން ކެލެހާ ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. މި ދެ ހާފަށް ބަލާއިރު ވެސް ނަތީޖާއަށް ބަދަލެއް ނައިސް މެޗު ނިމެން ދަނިކޮށް މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ 118 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ވެން ޑައިކްއެވެ.

މި ކާމިޔާބީއާ އެކު ލިވަޕޫލުން ވަނީ މުބާރާތުގެ ތަށި 10 ވަނަ ފަހަރަށް ހޯދައިފައެވެ.

މިއީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ ކުލަބުގައި ހޭދަކުރާ ފަހު ސީޒަންކަމުން މި ތަށީގެ މުހިންމުކަންވަނީ އިތުރު ވެގެން ގޮސްފައެވެ. ލިވަޕޫލުން ބޭނުންވަނީ ކްލޮޕަށް ވަރަށް ފުރިހަމަ އަލްވަދާއު އެއް ކިޔުމަށްޓަކައި މި ސީޒަނަކީ ތާރީހީ ސީޒަނަކަށް ހެދުމަށެވެ. އަދި މި ސީޒަންގައި ލިވަޕޫލަށް އިތުރު ތިން ތައްޓަށް ވާދަކުރުމުގެ ފުރުސަތު އޮތުމާ އެކު ސީޒަން ހަތަރު ތައްޓާ އެކު ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އަދި އެބައޮތެވެ.

ޗެލްސީއަށް ބަލައިލާއިރު އެ ޓީމު މިވަނީ ޖެހިޖެހިގެން ހަވަނަ ފަހަރަށް ވެމްބްލީގައި ކުޅުނު ފައިނަލް މެޗުތަކުން ބަލިވެފައެވެ. މީގެ ތެރޭގައި ލިވަޕޫލް އަތުން ބަލިވި ތިން ފައިނަލް ވެސް ހިމެނެއެވެ.

comment ކޮމެންޓް