ކަރީނާގެ ތައުރީފު ވިދްޔާ، ކަންގަނާ އަދި ދީޕިކާއަށް

ބަތަލާ ކަރީނާ ކަޕޫރު ޚާން-- ފޮޓޯ/ ޓެލްގްރާފްއިންޑިއާ

ފިލްމު އިންޑަސްޓްރީގައި ބަތަލާއިން ބާރުވެރި ކުރުވުމަށް ގަދަ އަޅައި މަސައްކަތް ކުރި ތަރިންނަކީ ބަތަލާ ވިދްޔާ ބާލަން، ކަންގަނާ ރަނާވަތު އަދި ދީޕިކާ ޕަދުކޯން ކަމަށް ބުނެ ކަރީނާ ކަޕޫރު އެ ބަތަލާއިންނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.

މީގެ އަހަރުތަކެއް ކުރިން ފިލްމު އިންޑަސްޓްރީގެ ހާލަތު އޮތް ގޮތާ މިހާރު އަޅާކިޔާއިރު ބަތަލާއިންނަށް ފިލްމުތަކުން ލިބޭ ރޯލްތައް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށާއި އެކަމުގެ ތައުރީފު ހައްގު ވަނީ ކަންގަނާ، ވިދްޔާ އަދި ދިޕިކާ ފަދަ ހިތްވަރު ގަދަ ބަތަލާއިންނަށް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ވިދްޔާ ބާލަން އަދި ކަންގަނާ ފަދަ ބަތަލާއިން ނަކީ އަބަދު ވެސް އިންޑަސްޓްރީގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ގެންގުޅޭ ތަފާތު ކުރުމާ ދެކޮޅަށް ފާޅުގައި ފާޑުކިޔާ ފިލްމީ ތަރިންނެވެ.

ކަރީނާ ފާހަގަކުރި ގޮތުގައި މި ބަތަލާއިން ވަނީ ފިލްމުތަކުން އަންހެނުންނަށްދޭ ރޯލް އިސް ކުރުމުގެ އިތުރުން ފިރިހެން ތަރިންނަށް ދޭ އުޖޫރައާ އެއްވަރަށް އަންހެން ތަރިންނަށް ވެސް ހައްޤު އުޖޫރަ ދިނުމަށް ވަކާލާތުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިލްމު އިންޑަސްޓްރީގެ ކުރީ ސަފުގައި ތިބި ގިނަ ބަތަލާއިންގެ ފިލްމީ ކެރިއަރަށް ވަރަށް ހެޔޮ ބަދަލުތައް ވަނީ އައިސްފައެވެ.

އިންޑިއާގެ މަޝްހޫރު ނޫސް އެންޑީޓީވީއަށް ދިން އިންޓަވިއުގައި ކަރީނާ ބުނެފައިވަނީ ދާދި ފަހުން ފިލްމު ކުޅެދޭ އަގު ބޮޑު ކުރުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް އެއީ އަމިއްލަ ނަފުސަށް ކުރާ އިހުތިރާމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.

ކަރީނާގެ އެ ނިންމުމުގެ ސަބަބުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެހެން ބަތަލާއިންގެ ފިލްމީ ކެރިއަރަށް ހެޔޮ ބަދަލެއް ގެނެވޭނީ އޭނާ ފަދަ ތަޖުރިބާ ހުރި ބަތަލާއިން ކަންކަމުގައި އިސްނަގަން ފެށުމުން ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ފިލްމު "ޖާނެ ޖާ"އިން ފެނުނު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިޔަށް އޮތް މާޗު މަހު ރިލީޒްކުރާ ފިލްމު "ކްރޫ"އިންނެވެ.

comment ކޮމެންޓް