ހޮލީވުޑް ޑޮކިއުމަންޓްރީއެއް ޕްރޮޑިއުސްކުރުމުގެ ފުރުސަތު ޕްރިޔަންކާއަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ޑޮކިއުމެންޓްރީ ފިލްމެއްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

"ޓު ކިލް އަ ޓައިގާ"ގެ ނަމުގައި އުފައްދާފައިވާ ޑޮކިއުމެޓްރީ ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވަނީ މި ޑޮކިއުމެންޓްރީ ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ލޯންޗު ކުރާނެކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެކަޑެމީ އެވޯޑު، އޮސްކާއަށް ނޮމިނޭޓްވެފައިވާ ޑޮކިއުމެންޓްރީ ފީޗާ "ޓު ކިލް އަ ޓައިގާ"އަކީ 2022ވަނަ އަހަރު ނިޝާ ޕަހޫޖާ ޑައިރެކްޓްކުރި ކެނޭޑިއަން ޑޮކިއުމެންޓްރީއެކެވެ. މި ޑޮކިއުމެންޓްރީގެ ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާގެ ޖާކެންދު ސްޓޭޓަށް ނިސްބަތްވާ ފުރާވަރުގެ އަންހެން ކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި މީހުންނަށް ދެކޮޅަށް ކުރާ ކެމްޕޭންތަކުގެ މައްޗަށެވެ.

މި ޑޮކިއުމެންޓްރީ ބޭރުގެ މަގުބޫލު ފެސްޓިވަލުތަކުގައި ދެއްކުމަށް ފަހު އެމެރިކާގެ ބައެއް ތިއޭޓަރު ތަކުގައި ދައްކާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެކްޓަރު ދޭވް ޕަޓޭލް-- ފޮޓޯ/ ޕީޕަލްމެގަޒިން
ބަތަލާ ޕްރިޔަންކާ އަކީ "ޓު ކިލް އަ ޓައިގާ" ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި ޕްރިމިއާ ކުރުމާ އެކު މި ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ ވާހަކަ ބިނާކުރެވިފައިވާ އަންހެން ކުއްޖާއަށް އިންސާފު ހޯދުމަށް އިސް ސަފުގައި ވަކާލާތު ކުރި މީހެކެވެ.

މި ޑޮކިއުމެންޓްރީ ބޭރުގެ އެހެން ޤައުމުތަކުގައި ދެއްކުމުގެ ހުއްދަ ނެޓްފްލިކްސް ގަނެފައިވާއިރު ޕްރިޔަންކާގެ އިތުރުން އެމެރިކާގެ ބަތަލާ މިންޑީ ކަލިންގް އަދި ކާމިޔާބު ފިލްމު "ސްލަމްޑޯގް މިލިއަނަ"ގެ އެކްޓަރު ދޭވް ޕަޓޭލް ވެސް ވަނީ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ޕޫލްއާ ގުޅިފައެވެ.

"ޓު ކިލް އަ ޓައިގާ" ނެޓްފްލިކްސްގައި ޕްރިމިއާ ކުރާނެކަން އިއުލާނުކުރި ނަމަވެސް އެއީ ކޮން ތާރީޚެއްކަން އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް