ރައްޔިތުންގެ މަޖިލީހުން މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު މަޖުބޫރުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ނިޒާމަކުން ވެރިކަމަށް ހަވާލުވާ މީހާ، ކެބިނެޓަށް އައްޔަން ކުރާ މީހުންގެ ޝަރުތުތައް ހަމަވާނަމަ ވަޒީރުންނަށް ރުހުން ދޭންޖެހޭނެ ކަމަށެވެ. އަދި ވަޒީރުންނަށް ނަތީޖާ ނުނެރެވޭ ނަމަ، ޒިންމާދާރުކަން ކުޑަނަމަ ނުވަތަ އިތުބާރު ގެއްލިއްޖެ ނަމަ ސުވާލުކޮށް މަގާމުން ވަކިކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް އެއްވެސް އަސާސެއް ނެތި ނޫންތޯ އަޅުގަނޑުމެންގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކެބިނެޓަށް އައްޔަން ކުރި ބައެއް ވަޒީރުންނަށް ރުހުން ނުދޭން ބޭރުގެ ބަޔަކު އިދިކޮޅު މަޖިލިސް މެމްބަރުންނަށް މަޖުބޫރު ކުރިކަމަށެވެ. އަދި ސަރުކާރު މެމްބަރުން ގާތު ވެސް އެ މެމްބަރުން ބުނަމުން އައީ އެފަދައިން ކަމަށާއި، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޖެހޭކަމަށް ބުނަމުން އައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮތީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ، މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅާކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން މިއަދު ހއ. ދިއްދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގެ ވެރިކަން ނިންމައިލިއިރު، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެ، ބަޖެޓު އެކުލަވައިލީ މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް ވެސް ހުއްޓޭހެން ކަމަށެވެ. އެހެންކަމުން މިހާރު ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އާ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރުން މިދިޔަ މަހު 29 ގައި ބޭއްވި ޖަލްސާގައި ތިން ވަޒީރަކަށް ރުހުން ނުލިބުނެވެ. އެއީ،
- ބަންޑާރަނައިބު އަހުމަދު އުޝާމް
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އެކަމަކު، ރައީސް ވަނީ ރުހުން ނުލިބުނު ވަޒީރުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަންކުރައްވައިފައެވެ. އެހެންވެ، ރުހުން ނެތް ނަމަވެސް އެ ބޭފުޅުންނަށް ވަނީ ވަޒީރުކަމުގެ ހުވައި ވެސް ލައިދެއްވައިފައެވެ.