ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކަށް މަދުވެގެން އެއް ރެސްކިއު ޑައިވަރު ތަމްރީނުކުރުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ނިންމާފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީނު ކުރުމަށް ފިޝަރީސް މިނިސްޓްރީން ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ތަމްރީނުކޮށްފައިވާ ކަމަށެވެ. އެއީ:
- ގދ. މަޑަވެލިން 08
- ގއ. ކޮލަމާފުށިން 05
- ގއ. ވިލިނގިލިން 14
- ގއ. ދެއްވަދޫއިން 07
- ގއ. ނިލަންދޫއިން 04
- ގއ. ދާންދޫއިން 07
- ސ. މަރަދޫއިން 11
މިދިޔަ މަހުގެ 19ގައި އެ ޕްރޮގްރާމް ފެށީ ގދ. މަޑަވެލީގައެވެ.

މަސްވެރިން ރެސްކިއު ޑައިވަރުން'ގެ ގޮތުގައި ތަމްރީނުކުރުން: މިހާތަނަށް 56 ފަޅުވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
އެ ތަމްރީނާ ގުޅޭ ގޮތުން، ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު "ސަން"އަށް ވިދާޅުވީ އެ ޕްރޮގްރާމްގައި ހަ ކޯހެއް ހިމެނޭ ކަމަށާއި ފުރަތަމަ ޕްރޮގްރާމް ނިންމި 56 ފަޅުވެރިންނަކީ މިހާރު ސެޓިފައިޑް ރެސްކިއު ޑައިވަރުން ކަމަށެވެ.
"ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެއްޔާ ނުވަތަ ޑައިވްގައި ހާދިސާއެއް ދިމާވެއްޖެއްޔާ ފުރަތަމަ އެހީ ދޭން އެނގޭ ވަރަށް ޓްރެއިން ވެފައި ތިބި މަސްވެރިން އެއީ،" އޭނާ ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ ރާއްޖޭގެ ދެކުނަށް ހުޅުވާލައިގެން ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންދިޔައިރު، ޕްރޮގްރާމް ނިންމަން ނަގާ ގަޑިއާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ބަލައިފައިވާ ކަމަށެވެ. އަދި ދެން އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް މަސްވެރިންނަށް ބައިވެރިވެވޭ ގޮތަށް ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ފުރުސަތަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ފަށަން ނިންމަވައިފައި އޮތް ކަމެކެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ވެސް ރެސްކިއު ފެންވަރުގެ ޑައިވަރެއް ހުރުންކަމަށް މިނިސްޓަރު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.