ވައުދުފުޅާ އެއްގޮތަށް، ސާފްބޯޑަށް މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަކޮށްފި

ކ. ހިންމަފޫށީގައި ދިވެހި ޒުވާނަކާ ފަތުރުވެރިޔެއް ރާޅާއަޅަން ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވިއަނުން ސާފްބޯޑަށް ނަގާ ޗާޖު މިއަދު ކުޑަކޮށްފިއެވެ.

އާންމުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިދޔަ ބުދަ ދުވަހުގެ ޕްރޮގްރާމްގައި ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ވަނީ ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ސާފް ބޯޑު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށްފައެވެ.

https://sun.mv/188968

އެގޮތުން މާލެއިން ގައްދޫއަށް އައުމަށް ދެކޮޅު ޓިކެޓާއި ސާފް ބޯޑަށް ނަގާ ޗާޖާ އެކު 800 ޑޮލަރު އަރާކަން އޭނާ ފާހަގަކުރިއެވެ.

އެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސާފްބޯޑަށް މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަކޮށް ދެއްވާނެ ކަމަށެވެ.

މިއަދު މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ވަނީ، ސާފްބޯޑަށް އެ އެއާލައިނުން ނަގާ ޗާޖު ކުޑަކޮށްފައި ވާކަން އިއުލާނުކޮށްފައެވެ.

އެގޮތުން 86 އިންޗި ދިގު، ހަ އިންޗިއާއި ދިހަ އިންޗި ފުޅާމިނުގައި ހުންނަ ސާފްބޯޑުގެ އަގު 33 ޕަސަންޓު ކުޑަކޮށްފައި ވެއެވެ. އަދި 86 އިންޗި ދިގު، ފަސް އިންޗި ފުޅާމިނުގައި ހުންނަ ސާފްބޯޑުގެ އަގު ވަނީ 66 ޕަސަންޓު ކުޑަކޮށްފައެވެ.

ގައްދޫ އަކީ ރާޅާއެޅުމުގައި ފާހަގަ ކޮށްލެވޭ ހިސާބެކެވެ. މިއީ ފަތުރުވެރިން ވެސް ރާޅާ އެޅުމަށް ވަރަށް ގިނައިން ޒިޔާރާތް ކުރާ ސަރަހައްދެކެވެ.

comment ކޮމެންޓް