އީއޭއެފްސީ މިނީ ސީރީޒްގެ ޗެމްޕިއަންކަން ޔުނިފައިޑް ނިއު ޖެނެރޭޝަނަށް

އީއޭއެފްސީ މިނީ ސީރީޒް އެކެއްގެ ޗެމްޕިއަންކަން ޓީމް ޔުނިފައިޑް ނިޔު ޖެނެރޭޝަންއިން ހޯދައިފި---ފޮޓޯ/ދިރާގު

ދިރާގުގެ އެންމެ ފަހުގެ އީސްޕޯޓްސް އިވެންޓް، އީއޭއެފްސީ މިނީ ސީރީޒް އެކެއްގެ ޗެމްޕިއަންކަން ޓީމް ޔުނިފައިޑް ނިޔު ޖެނެރޭޝަނުން ހޯދައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑް އޮފީހުގައި ތިން ދުވަހުގެ ފިޒިކަލް އިވެންޓެއްގެ ގޮތުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ލައިވްކޮށް ބަލައިލެވޭ ގޮތަށެވެ.

މި ހަރާކާތުގެ އިތުރުން ދިރާގުން ވަނީ ޓެކްކެން އޯޕަން މުބާރާތަކާއި އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބަޓް ޗެލެންޖުތަކެއް ވެސް މި އިވެންޓުގައި ކުރިއަށް ގެންގޮސްފައެވެ.

ރަނަރަޕްކަން ޓީމު ޕީއެންޑީ އެކްސްއެމްއެލްއިން ހޯދައިފައިވާއިރު، މުބާރާތުގެ ތިން ވަނަ ހޯދީ ފައިވަނީ ޓީމު ޔުނިފައިޑް ސްޕޯޓްސް ކްލަބުންނެވެ.

ޓެކް ކެން އޯޕަން ޓޯނަމަންޓްގެ ޗެމްޕިއަންކަން ނެގީ މުޙައްމަދު އަޝްވާނެވެ. އަދި ރަނަރަޕްކަން ނަގައިފައިވަނީ އަޙްމަދު ތާބިޝްއެވެ.

އީއޭއެފްސީ މިނީ ސީރީޒް ހަރަކާތުގެ ތެރެއިން--ފޮޓޯ/ދިރާގު

ޖުމުލަ 500 އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު ނިންމާލި މި ހަރާކަތުގައި 40،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ދީފައިވާކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރަށް ބަހައިލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތްތަކެއް ކަމަށެވެ.

މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ވެސް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ މަހު ވެސް ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް އެކެއް ބާއްވައިފައެވެ. މި މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

comment ކޮމެންޓް