ފިލްމު 'ކްރޫ'ގެ ޓީޒާއިން ދައްކާލީ ކެބިން ކްރޫއިންގެ ތަފާތު ދިރިއުޅުމެއް

ކުރިޔަށް އޮތް މާޗު މަހުގެ 29 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލު ކުރެވިފައިވާ ފިލްމު "ކްރޫ"ގެ އޮފިޝަލް ޓީޒާ އާއްމުންނަށް ދައްކައިލައިފިއެވެ.

ބަތަލާ ތައްބޫ، ކަރީނާ ކަޕޫރު ޚާން އަދި ކްރިތީ ސެނޮން ލީޑް ރޯލް ކުޅޭ މި ފިލްމަކީ، އޭވިއޭޝަން ދާއިރާގައި ކެބިން ކްރޫއިންގެ ގޮތުގައި މަސައްކަތް ކުރާ ތިން އަންހެނުންގެ ދިރިއުޅުމާއި ލައިފް ސްޓައިލް ދައްކުވައިދޭ ފިލްމެކެވެ.

ހެއްވާ މަޖާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސާންޖް އަދި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ފެންނާނެއެވެ.

ރާޖޭޝް ކްރިޝްނަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ، އަންހެނުންނަށް ހާއްސަކޮށް އުފައްދާފައިވާ 'ވިމެން-ސެންޓްރިކް ޑްރާމާ'އެކެވެ.

ފިލްމުގެ ޓީޒާއިން ފެންނަ ގޮތުގައި ވަރަށް ހަމަޖެހިލައިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރަމުން އައި ތިން މުވައްޒަފުންގެ ދިރިއުޅުން ބަދަލުކޮށްލަނީ ވައިގެމަގުން ދަތުރު ފަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ދިމާވާ ތަފާތު އެކި މިޒާޖުގެ މީހުންތަކެއްގެ ސަބަބުންނެވެ.

ބާލާޖީ ޓެލެފިލްސްއާ އަނިލް ކަޕޫރު ފިލްމްސް ގުޅިގެން ގެނެސްދޭ "ކްރޫ"ގެ ޕްރޮޑިއުސަރުންނަކީ އެކްތާ ކަޕޫރާއި ރެއާ ކަޕޫރެވެ.

ފިލްމު :ވީރޭ ދި ވެޑިންގް"ގެ މަންޒަރެއް-- ފޮޓޯ/ ފޭސްބުކް
އެކްތާ އާއި ރެއާ ގުޅިގެން މީގެކުރިން ވެސް ވަނީ ފިލްމުތަކެއް އުފައްދާފައެވެ. އޭގެ ތެރޭގައި 2018ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ވީރޭ ދި ވެޑިންގް" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތޭންކް ޔޫ ފޯ ކަމިންގް" ހިމެނެއެވެ.

މި ދެ ފިލްމަކީ ވެސް މުޅިން ބަތަލާއިންނަށް ހާއްސަކޮށް ބަތަލާއިން ލީޑް ރޯލްއިން ފެނުނު ދެ ފިލްމެވެ.

comment ކޮމެންޓް