ފިލްމީ ދާއިރާގެއް ބައެއް މީހުން ޑާކް ވެބް ބޭނުންކުރާ ކަމަށް ކަންގަނާ ބުނެފި

ބަތަ؛ާ ކަންގަނާ ރަނާވަތު-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ފިލްމީ ދާއިރާއަށް ނިސްބަތްވާ ދުވަސްވީ ބައެއް ފިލްމީ ފަންނާނުން އަޑީގައި ތިބެގެން ޑާކް ވެބްގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަމަށް ފިލްމީ ތަރި ކަންގަނާ ބުނެފިއެވެ.

އޭނާ ބުނީ އޭގެތެރޭގައި މަޝްހޫރު ފިލްމީ ތަރިން ވެސް ހިމެނޭ ކަމަށެވެ. އަދި ޑާކް ވެބް ބޭނުންކޮށްގެން ހެކި ނައްތައިލުމަށްފަހު ޤާނޫނާ ޚިލާފު އަމަލުތައް މި ފިލްމީ ތަރިން ހިންގަމުންދާ ކަމުގެ ތުހުމަތު ކަންގަނާ ވަނީ ކޮށްފައެވެ.

ޑާކް ވެބް ބޭނުންކޮށްގެން އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާއިރު އެކަން ރަސްމީ ސިފައެއްގައި މޮނީޓަރުކޮށް އެފަދަ މީހުންގެ ހަގީގަތް ހާމަކުރުމަށް ކަމާބެހޭ ފަރާތްތަކަށް ކަންގަނާ ވަނީ ގޮވައިލާފައެވެ.

ކަންގަނާ މި މޭރުމުން ވާހަކަދައްކާފައި ވާއިރު ދާދިފަހުން އިންޑިއާގެ ޓެލެކޮމް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް އިންޑިއާ (ޓްރައި)އިން ވަނީ ކޯލާ އައިޑީ ޑިސްޕްލޭ މަޖުބޫރު ކުރުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ލަފާ އަރުވައިފައެވެ.

މި ނިންމުމާ ގުޅިގެން ކަންގަނާ ބުނެފައި ވަނީ އެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށާއި ޑާކް ވެބްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުންނަށް މިއީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

ބަތަލާ ކަންގަނާގެ އިންސްޓަގްރާމް ޕޯސްޓު-- ފޮޓޯ/އިންސްޓަގްރާމް

ބަތަލާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޑާކް ވެބް ބޭނުން ކުރަނީ ހަމައެކަނި ގަވައިދާ ހިލާފަށް ކޮންޓެންޓަށް ވަނުމުގެ އިތުރުން ވަޓްސްއެޕާއި އީމެއިލް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކި މީހުން ކޮށްފައި ހުންނަ މުއާމަލާތްތައް ހެކުކުރުމަށް ކަމުގައެވެ.

ބޮލީވުޑްގެ ބައެއް ފިލްމީ ތަރިންނަށް ތުހުމަތުކޮށް ވާހަކަ ދެއްކި ނަމަވެސް ކަންގަނާގެ ޕޯސްޓުގައި އެއްވެސް ފިލްމީ ތަރިއެއްގެ ނަން ގެނެސްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކަން ގާނޫނީ ހަމައިގެތެރެއިން ތަހުގީގު ކޮށްފިނަމަ ފިލްމީ ދާއިރާގެ ބޮޑެތި ތަރިންގެ ނަންތައް ހާމަވާނެކަމުގެ ޔަގީންކަން ކަންގަނާ ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުތެރޭ ވެސް ކަންގަނާ ވަނީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ބަޔަކު ބަތަލާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކް ކުރިކަމަށް ތުހުމަތު ކޮށްފައެވެ.

ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ކަންގަނާގެ ފަރާތުން ފާޅުގައި ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު އޭގެތެރެއިން އެންމެ ބޮޑަށް ކަންގަނާގެ ފާޑުކިޔުން އަމާޒުވެފައިވާ އެކަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ.

ކަރަންގެ ނުފޫޒުގައި ފިލްމީ ދާއިރާއަށް ފިލްމީ އާއިލާތަކަށް ނިސްބަތްވާ ކުދިން ތައާރަފް ކުރާތީ އެކަމާ ކަންގަނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ތަފާތު އެކި ޕްލެޓްފޯމް ތަކުގައި ވާހަކަ ދައްކައިފައެވެ.

ކަންގަނާގެ ފިލްމު "އިމަޖެންސީ"ގެ ޕޯސްޓަރެއް-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ފިލްމީ ދާއިރާއަށް ނިސްބަތްވާ ބައެއް މީހުންނާއެކު ދެބަސްވުންތައް އުފެދުނު ނަމަވެސް އަދިވެސް ކަންގަނާ އަންނަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރި ވަމުންނެވެ.

މިދިޔަ އަހަރު ފިލްމު "ތޭޖަސް"އިން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމު "އިމަޖަންސީ"އިންނެވެ.

comment ކޮމެންޓް