އިސްރާއީލުން ފަލަސްތީނު ސަރަހައްދުން ފައިބަން ޖެހޭ: އިންޑޮނޭޝިޔާ

އިންޑޮނޭޝިޔާގެ ހާރިޖީ ވަޒީރު ރެޓްނޯ މާސޫދީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުން ފައިބަންޖެހޭ ކަމަށް އިންޑޮނޭޝިޔާގެ ހާރިޖީ ވަޒީރު ރެޓްނޯ މާސޫދީ ވިދާޅުވެއްޖެއެވެ.

އޭނާއާއި މުޅި އިންޑޮނޭޝިޔާވެސް އޮތީ ފަލަސްތީނާއެކުގައި ކަމަށް މާސޫދީ ވިދާޅުވިއެވެ. އަދި އިސްރާއީލުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ބޭއްވި އަޑުއެހުންތަކުގައި ބައިވެރިވެޑައިގެންފައިވާ ކަމަށްވެސް މާސޫދީ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދޭ ހަމަލާތަކަކީ ގަވައިދާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އައިސީޖޭއަށް އޭނާ ވަނީ ގޮވައިލައިފައެވެ.

"ޣައްޒާގެ ރަފަހް އަށް ހަމަލާދޭން ތައްޔާރުވާއިރު، ގާތްގަނޑަކަށް 30،000 މީހުންގެ ފުރާނަ މިހާރުވެސް އިސްރާއީލުން ވަނީ ދުއްވައިލަފައި. އިސްރާއީލަށް އަދިވެސް ފުދޭވަރުނުވަނީތަ؟" މާސޫދީ ވިދާޅުވިއެވެ.

އޭގެއިތުރުން ސުލްހައިގެ މަރުހަލާއަށް މެދުނުކެނޑި އިސްރާއީލުން ހުރަސް އަޅަމުންދާތީ މާސޫދީ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އައިސީޖޭގައި މިހާރު ކުރިއަށް ދަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާއިން ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުންތަކެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ގާތްގަޑަކަށް 30،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް