ނަވްލާނީގެ މަރާ ގުޅިގެން އެމެރިކާއިން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަޝިޔާ ޔުކްރެއިން ހަނގުރާމައަށް ދެ އަހަރު ފުރުމާއި ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލްކްސީ ނަވްލާނީ ޖަލުގައި ހުންނަވަނިކޮށް އަވަހާރަވުމާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

އެގޮތުން ރަޝިޔާގެ 500 އަށްވުރެ ގިނަ މީހުންނާއި ކުންފުނިތަކަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ ޕޭމަންޓް ސިސްޓަމާއި މާލީ އިދާރާތަކާއި އެ ގައުމުގެ އަސްކަރީ ސިނާއީ މަރުކަޒާއި ހަކަތަ އުފެއްދުމާއި އެހެނިހެން ދާއިރާތަކަށެވެ. އަދި ނަވްލާނީގެ މަރާ ގުޅުން ހުރި ކަމަށް އެމެރިކާއިން ބުނާ ޖަލުގެ އޮފިޝަލުންނަށް ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

އެމެރިކާއިން ދެކޭގޮތުގައި ނަވްލަނީގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިންއެވެ.

އެކަމާގުޅިގެން ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު އެނަޓޮލީ އެންޓޮނޮވް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ރަޝިޔާއިން ފަހަތަށް ނުޖެހޭނެކަން އެމެރިކާއަށް އެގެންޖެހޭނެ ކަމަށެވެ.

އެމެރިކާއިން މިފަހަރު އެޅި އެންމެ ބޮޑު މާލީ ދަތިކުރުމުގެ ފިޔަވަޅަކީ ރަޝިއާގެ މައި ކާޑު ޕޭމަންޓް ސިސްޓަމް ކަމަށްވާ މިރްއަށް އެޅި ފިޔަވަޅެވެ. ޔޫކުރޭނު ހަނގުރާމަ ފެށުމާ އެކީ ކާޑުގެ ހިދުމަތް ދޭ ދުނިޔޭގެ ބޮޑެެތި ކުންފުނިތައް ކަމަށްވާ ވިސާ އަދި މާސްޓާ ކާޑުންވެސް ވަނީ ރަޝިއާގައި ދޭ ހިދުމަތްތައް ހުއްޓާލާފައެވެ.

ރަޝިޔާ ޔުކްރެއިން ހަނގުރާމައިގައި އެމެރިކާއިން އަންނަނީ ޔުކްރެއިންނަށް ތާއީދު ކުރަމުންނެވެ. ހަނގުރާމައިގައި ރަޝިޔާއިން ޔުކްރެއިންއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ރަޝިޔާއާއި ހަނގުރާމަ ކުރުމަށް ޔުކްރޭން އަތުން ހަތިޔާރު ހުސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫކްރެއިނަށް އެންމެ ގިނަ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. ނަމަވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް, ކޮންގްރެސްއަށް ހުށަހަޅައިފައިވާ ބިލު އަދިވެސް ފާސްނުވެ އޮތުމުގެ ސަބަބުން ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރައްވާ މަސައްކަތްތައް އޮތީ މަޑުޖެހިފައެވެ.

އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިހާދު، އިނގިރޭސިވިލާތް އަދި ކެނެޑާއިން ވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ.

comment ކޮމެންޓް