ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ޖުމްލަ އަށް މިލިއަން އެމެރިކާ ޑޮލަރަށް ހަތަރު ބޯޓު ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެމެރިކާއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެ-އެމެރިކާ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ފޯ މެނޭޖްމެންޓް އެންޑް ރިސޯސަސް ރިޗާޑް ވަރްމާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ފޮރިން މިނިސްޓާ މޫސާ ޒަމީރާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލު ކުރެއްވުމުގައި ރާއްޖެއަށް އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާއި ކަނޑުގެ ސަލާމަތީ ކަންކަން ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރިޗާޑް ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމާ ވެސް ބައްދަލު ކުރައްވައިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓުމަށްޓަކައި ތުރުކީއާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.