ކުރިއަށް އޮތް 36 ގަޑިއިރާއި 72 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި އެމެރިކާއާއި އީރާނުގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތްކުރައްވައިފިއެވެ.
ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވާއިރު، މަޝްވަރާތަކުގައި މެދުވެރިވާ ޕާކިސްތާނުގެ މަސްދަރުތަކުން ބުނީ، އެ މުއްދަތު ބިނާވެފައިވަނީ އެ ގައުމުން އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުން ކުރިއަށްދާ ގޮތުގެ މައްޗަށް ކަމަށެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން މަޝްވަރާއެއް ކުރާނެކަން އަދި ކަށަވަރުކޮށްދީފައެއްނުވެއެވެ.
ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާނުން މަސައްކަތްކުރާއިރު، މަޝްވަރާތައް ބާއްވާ ވެރިރަށް އިސްލާމްއާބާދުގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ.
ފުރަތަމަ ބުރުގެ މަޝްވަރާތައް ބޭއްވި ފަސް ތަރީގެ ހޮޓަލް ހިމެނޭ ގޮތަށް ސަރުކާރާއި އަމިއްލަ މުހިންމު އިމާރާތްތައް ހުންނަ އިސްލާމް އާބާދުގެ "ރެޑް ޒޯން"އަށް ދާ މަގުތައް ވެސް އަދިވެސް ވަނީ އާންމު ދަތުރުތަކަށް ބަންދުކޮށްފައެވެ.
މެޓްރޯ ބަހުގެ ޚިދުމަތް ހިމެނޭ ގޮތަށް އާންމު ދަތުރުފަތުރުގެ ޚިދުމަތް އަދިވެސް އޮތީ މެދުކަނޑާލާފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުން
ދެވަނަ ބުރުގެ މަޝްވަރާތައް މި ހަފުތާގައި ޕާކިސްތާނުގައި ބާއްވަން ނިންމާފައިވީ ނަމަވެސް އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ހުރަސް އަޅާފައި އޮތުމުން އީރާނުން ވަނީ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.
އެމެރިކާއިން ވަނީ ނައިބު ރައީސް ޖޭޑީ ވެންސް އިސްކޮށް ހުންނަވައިގެން މި މަޝްވަރާތަކަށް އެ ގައުމުގެ މަންދޫބުން ފޮނުވާނެކަން އިއުލާންކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަނގުރާމަ މެދުކަނޑާލުމުގެ ވަގުތު މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފައެވެ. ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށް ވީ އެއްބަސްވުމުގެ މުއްދަތު ހަމަވީ އިއްޔެއެެވެ.