ތިން މަސް ތެރޭ 19 ޕޮލިސް ޕޯސްޓު ހުޅުވައިފި

އަލަށް ހުޅުވި ޕޮލިސް ޕޯސްޓު ތަކުގެ ތެރެއިން ނ. މިލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް، ރާއްޖޭގެ އެކި ރަށްރަށުގައި ޖުމުލަ 19 ޕޮލިސް ޕޯސްޓެއް ހުޅުވައިފިއެވެ.

މިއީ މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މި ސަރުކާރުގެ ފުރަތަމަ ހަފުތާ 14 ގައި ހުޅުހުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، މި އަހަރުގެ ޖެނުއަރީ އަދި ފެބްރިއަރީ މަހުގެ ތެރޭގައި މުޅި ޖުމްލަ 19 ޕޮލިސް ޕޯސްޓެއް ހުޅުވިފައިވާކަމަށެވެ.

އެއީ ޑިސެމްބަރު މަހު ތިން ޕޮލިސް ޕޯސްޓު ، ޖެނުއަރީ މަހު ހަތް ޕޮލިސް ޕޯސްޓު އަދި މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ނުވަ ޕޮލިސް ޕޯސްޓެވެ.

އަލަށް ޕޮލިސް ޕޯސްޓު ހުޅުވި ރަށް ތަކުގެ ތެރޭގައި ހިމެނެނީ:

  • ހއ. ފިއްލަދޫ
  • ހދ. ކުރިނބި
  • ހދ. ނެއްލައިދޫ
  • ށ. ޅައިމަގު
  • ނ. ޅޮހި
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. މިލަދޫ
  • ބ. މާޅޮސް
  • ބ. ކިހާދޫ
  • ބ. ކުޑަރިކިލު
  • ބ. ހިތާދޫ
  • ވ. ތިނަދޫ
  • ވ. ފުލިދޫ
  • ދ. ހުޅުދެލި
  • ތ. ވަންދޫ
  • ތ. ގާދިއްފުށި
  • ލ. މާބައިދޫ
  • ގއ. ކޮނޑޭ

އަލަށް ޕޮލިސް ޕޯސްޓުތަށް ހުޅުވި ރަށްތައް-- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މި ރަށް ތަކުގެ ތެރެއިން މި އަހަރު އެންމެ ފަހުން ހުޅުވައިފައިވަނީ ގއ. ކޮނޑޭގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ޕޮލިސް ޕޯސްޓު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަލަށް ހުލުވި ޕޮލިސް ޕޯސްޓު ތަކާއެކު ރާއްޖޭގެ އުތުރުގައި ވަނީ އިތުރު 12 ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައިފައެވެ. އަދި މެދު ރާއްޖެތެރޭގެ ހަތަރު ރަށެއްގައި އަލަށް ޕޮލިސް ޕޯސްޓު ހުޅުވައިފައިވާއިރު، ދެކުނުގެ ދެ ރަށެއްގައި ވަނީ ޕޮލިސް ޕޯސްޓު ހުޅުވައިފައެވެ.

މި ރަށްތަކުގައި ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު އެ ތަނުގައި ވަނީ ގައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައެވެ.

ފުލުހުން ބުނީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް