ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބުވާ މެންބަރުން، މަޖިލިސް ދައުރުގެ ތެރޭގައި ޕާޓީ ދޫކޮށް ދިޔުން ހުއްޓުވުމަށް ޓަކައި އެންޓި-ޑިފެކްޝަން ބިލެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަށްގެންދަން ދަތިވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެ ޕާޓީގެ މެންބަރު އަޙްމަދު ޢަބްދުﷲ ކަމަށެވެ. އެ ބިލް ހުށަހެޅީ، މިހާރު މަޖިލިސް މެންބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވާއިރު ކަންތައްތައް ހިނގައިދާ ގޮތުން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ އެމްޑީޕީން ރަށްރަށަށް ޒިޔާރަތް ކުރުމުން، ވަރަށް ބުރަ މަސައްކަތުން ވަކި ޕާޓީއަކުން މެންބަރަކު އިންތިޚާބުކުރާ ފަހުން އެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވާތީ އެ ކަންބޮޑުވުން މީހުން ހިއްސާކުރާ ކަމަަށާއި އެހެންވެ ބިލް ހުށަހެޅީ އެކަން ހުއްޓުވުމަށް އެދި ކަމަށެވެ.
"އެހެންނަމަވެސް އަދިވެސް އެ ބިލް އަޅުގަނޑުމެންނަށް މިއުޅެނީ މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދެވޭނެ ޖާގަ އެކިއެކި ސަބަބުތަކާ ހުރެ މަޖިލިސްގެ އިދާރާއިން އަދި އެ ފުރުސަތު ފަހިކޮށް ނުދީގެން،" ބިގޭ ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ މީގެ ކުރިން ފާސްކޮށްފައި އޮތް އެންޓި-ޑިފެކްޝަނާ ގާނޫނާއި އެ ޕާޓީން ހުށަހަޅާފައިވާ ބިލާ ތަފާތު ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ފާސްކޮށްފައި އޮތް ގާނޫނުގައި އޮތީ، ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ޕާޓީން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށެވެ.
"އޭރުވެސް އަޅުގަނޑުމެން ދެންނެވި އެއް ވާހަކައަކީ އެހެންނެއް އެކަމެއް ނުކުރެވޭނެޔޭ. އޭގެ މާނައަކީ ސިޔާސީ ޕާޓީއަކަށް ވެސް އޭގެ ނާޖާއިޒު ގޮތުގައި އެހާ ބޮޑު ބާރުވެރި ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ފޯރުވުމުގެ ފުރުސަތު އޮވެގެން ނުވާނެއޭ،" ހިސާން ވިދާޅުވިއެވެ.
އެހެންވެ، އެމްޑީޕީން ހުށަހެޅި ބިލުން ފާހަގަވާނެ އެންމެ ބޮޑު ތަފާތަކީ، ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވި މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް، މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކުރަން ނިންމާ ހާލަތުގައި އިލެކްޝަން ކޮމިޝަން (އީސީ)އިން އޭނާ ނިސްބަތްވާ ދާއިރާއެއްގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގަން ހިމަނާފައި ވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
"އެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފަހު އެ ދާއިރާގެ ރައްޔިތުން އޭނާ އެ ގޮނޑި އެމީހުން ތަމްސީލުން ކުރަން ނޫނެކޭ ބުނެފި ނަމަ އެ ހިސާބުން އެ މަޖިލިސް މެންބަރަކު އެ ގޮނޑިން އިސްތިއުފާ ދޭން ޖެހިވަޑައިގަންނަވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އެ ބިލް ތާވަލު ކުރަން ދަތިތަކެއް ދިމާވެފައިވާކަން ހިސާން ވެސް ފާހަގަކުރެއްވިއެވެ. އަދި ކުރީގެ އެންޓި-ޑިފެކްޝަން ބިލު ވެސް ތަވާލުކޮށް، ފާސްކޮށްފައިވަނީ މިހާރު މަޖިލިސް އިދާރާގައި އިސްކޮށް ތިއްބެވި ބޭފުޅުން ތިއްބަވައިގެން އޭނާ ފާހަގަކުރެއްވިއެވެ.
އެ ދަތިތަކާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވައި ހިސާން ވިދާޅުވި، އެ މައްސަލަ ހައްލުކުރަން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ރައީސާއި ނައިބު ރައީސް މަސައްކަތް ކުރައްވާ ކަމަށެވެ.
މީގެ ކުރިމް އެންޓި-ޑިފެކްޝަން ގާނޫނެއް ހެދީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމު ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި-ޑިފެކްޝަން ގާނޫނެއް ހަދަން ވަނީ ލާޒިމްކޮށްފައެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި-ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭރުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ނަމަވެސް އެ ގާނޫނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅޭކަމަށް ބުނެ ވިލިފުށީ ދާއިރާގެ އޭރުގެ މެންބަރު ރިޔާޒު ރަޝީދު އެ ގާނޫނު އުވާލަން ފަހުން ހުށަހެޅުއްވިއެވެ. އެ ބިލް ބާތިލުކުރަން މަޖިލީހުން ނޮވެމްބަރު 1، 2018ގައި ފާސްކޮށް، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ މަހުގެ 13ގައި، ގާނޫނު އުވާލުމުގެ ބިލް ތަސްދީގު ކުރެއްވިއެވެ.