ލެބޯޓަރީ ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުން އިފުތިތާހުކޮށްފި

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: އެ މިނިސްޓްރީން ވަނީ ލެބޯޓަރީ ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުން އިފުތިތާހުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ، ރާއްޖޭގައި ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމުގެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފިއެވެ.

މިކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، ޑޮކްޓަރަށް ދައްކާ މީހުންގެ ވަކި ބައްޔެއް ހުރި ކަމަށް ޝައްކު ކުރެވުނު ނަމަވެސް، އެއީ ކޮން ބައްޔެއްކަން ކަށަވަރުކޮށް އެ ބައްޔަށް ބޭނުންވާ ފަރުވާ ހޯދުމަށް ޓެސްޓުތައް ހެދުމުގެ ގާބިލްކަން ސިއްހީ ޚިދުމަތް ދޭ ތަނެއްގައި ހުރުމަކީ ބަލިތައް ދެނެގަތުމުގައި ޑޮކްޓަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

އެގޮތުން، ލެބޯޓަރީގެ ޚިދުމަތް ނުލިބޭ ރަށްރަށުގައި ޕޮއިންޓް އޮފް ހެލްތް ކެއާ ލެބޯޓަރީ ގާއިމް ކުރަން ނިންމާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

"ލެބޯޓަރީގެ ޚިދުމަތް ނުލިބޭ ރަށްރަށުގައި ގެޖެޓުތަކާއި ކިޓްސްތައް ބޭނުން ކޮށްގެން މި ފެށޭ މަޝްރޫއިން މިވަގުތު ހަތަރު ރަށެއްގައި މުހިންމު ޓެސްޓުތައް ހެދިގެން ދާއިރު، ކުރިއަށް އޮތް ތިން މަހަށް ޕްލޭން ކޮށްގެން ލެބޯޓަރީގެ ޚިދުމަތް ނެތް ބާކީ 72 ރަށުގައި މި ޚިދުމަތް ގާއިމް ކުރެވިގެން ދާނެ،" ތަސްލީމާ ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމަޖެންސީގައި ފަރުވާ ދިނުމަށާއި ބައެއް އާންމު ބަލިތައް ދެނެގަތުމަށް ތަހުލީލުތައް ހެދޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މީގެ ސަބަބުން ފަރުވާ ލިބުމުގައި އިތުރު އަވަސްކަމެއް ލިބި ބަލީގެ ކުރީކޮޅު ފަރުވާ ކުރެވޭނެ،" ތަސްލީމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޓެކްނޮލޮޖީގެ ސަބަބުން ސިއްހީ ދާއިރާގެ ކޮންމެ ފަންނުވެރިއަކަށް ވެސް ޕޮއިންޓް އޮފް ކެއާ ލެބޯޓަރީން ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި ލެބޯޓަރީގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ހޭދަކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް ތަަސްލީމާ ވިދާޅުވިއެވެ.

comment ކޮމެންޓް