އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެކްޓަރުން އެނގޭތަ؟

އިންޑިއާގެ ފިލްމީ ދާއިރާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ތަރިންތައް-- ފޮޓޯ/ ފޯބްސް މެގަޒިން

އިންޑިއާގެ ފިލްމު އުފައްދާ އިންޑަސްޓްރީތަކުގެ ތެރެއިން ބޮލީވުޑަކީ އެ ޤައުމުގެ ވިޝުއަލް މީޑިއާ އީކޯސިސްޓަމްގެ ހިތުގެ ވިންދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިންޑިއާގެ އެންމެ ގިނަ ބަޔަކު ވާހަކަ ދައްކާ ހިންދީ ބަހުން އުފައްދާ ފިލްމުތަކުގެ އޯޑިއަންސް ބޮޑު ވެފައި ފިލްމީ ދާއިރާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފިލްމީ ތަރިންގެތެރޭ ބޮލީވުޑްގެ ތަރިން ހިމެނޭކަމީ ހައިރާންވާންވީ ކަމެއް ނޫނެވެ.

އެހެންނަމަވެސް މިފަހަރު ފޯބްސް އިންޑިއާއިން ދެއްކި ސާވޭ ނަތީޖާތަކުން ދައްކާގޮތުގައި ބޮލީވުޑުގެ ތަރިންނަށް ވުރެ މި ލިސްޓުގައި ހިމެނޭ ސައުތު އިންޑިއާގެ ފިލްމީ ތަރިންގެ އަދަދު މާގިނައެވެ.

ސައުތު އިންޑިއާގެ ސިނަމާތަކަށް މިފަހަކަށް އައިސް މެއިން ސްޓްރީމްގެ ސަމާލުކަން ލިބިފައިވާއިރު އިންޑިއާގެ ހުރިހާ ސަރަހައްދަކަށް ނިސްބަތްވާ މީހުންގެ މެދުގައި ސައުތު ސިނަމާގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ސައުތު ސިނަމާއަށް ނިސްބަތްވާ ދިހަ އެކްޓަރުންގެ ނަން މިވަނީ ފިލްމު ކުޅެގެން އެންމެ ބޮޑު އާމްދަނީ ހޯދާ އެކްޓަރުންގެ ލިސްޓުގައި ހިމެނިފައެވެ.

  • 1- ޝާހްރުކް ޚާން- ބޮލީވުޑްގެ އެންމެ ކާމިޔާބު ޚާނުންގެ ތެރޭ ހިމެނޭ އެކްޓަރު ކުޅޭ ކޮންމެ ފިލްމަކުން އޭނާއަށް 18 މިލިއަން ޔޫއެސް ޑޮލަރާއި 30 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބެއެވެ.
  • 2- ރަޖްނީ ކާންތު - ޢުމުރުން 73 އަހަރު ވެފައިވާ ތަމަޅަ އެކްޓަރަކީ އުމަރަށް ބެލުމެއް ނެތި ފިލްމީ ދާއިރާގައި މިހާރު ވެސް ސާބިތުކަމާ އެކު ހުރި ފިލްމީ ތަރިއެކެވެ. އިންޑިއާގެ އެންމެ ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ ރަޖްނީ ކާންތުގެ ކޮންމެ ފިލްމަކަށް 18 މިލިއަން ޔޫއެސް ޑޮލަރާއި 25 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ އަދަދަކުން ފައިސާ އެކްޓަރަށް ލިބެއެވެ.
  • 3-ޖޯސެފް ވިޖޭ - ޖޯސެފް ވިޖޭ ނުވަތަ ތަލަޕަތީ ވިޖޭގެ ނަމުން މަޝްހޫރު ތަމަޅަ އެކްޓަރުގެ ކޮންމެ ފިލްމަކުން 15 މިލިއަން ޔޫއެސް ޑޮލަރާއި 24 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ ޢަދަދެއްގެ އާމްދަނީއެއް ހޯދައެވެ.
  • 4- ޕްރަބާސް – ފިލްމު "ބާހޫބަލީ"ގެ އެކްޓަރު ކުޅޭ ކޮންމެ ފިލްމަކުން 12 މިލިއަން ޔޫއެސް ޑޮލަރާއި 24 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ އަދަދެއް އެކްޓަރަށް ލިބެއެވެ.
  • 5- އާމިރު ޚާން – ބޮލީވުޑްގެ ޕާފެކްޝަނިސްޓްގެ ނަމުން މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރަށް މަސައްކަތްކުރާ ކޮންމެ ފިލްމަކުން 12 މިލިއަން ޔޫއެސް ޑޮލަރާއި 21 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ ޢަދަދެއްގެ އާމްދަނީ ލިބެއެވެ.
  • 6- ސަލްމާން ޚާން – ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޚާނުންގެ ތެރޭ ހިމެނޭ އެކްޓަރަށް 12 މިލިއަން ޔޫއެސް ޑޮލަރާއި 18 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ އާމްދަނީއެއް ކޮންމެ ފިލްމަކުން ލިބެއެވެ.
  • 7- ކަމަލް ހާސަން – ތަމަޅަ ސިނަމާގެ ތަޖުރިބާކާރު އެކްޓަރުގެ ކޮންމެ ފިލްމަކަށް 12 މިލިއަން ޔޫއެސް ޑޮލަރާއި 18 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ އަދަދެއްގެ އާމްދަނީ ލިބެއެވެ.
  • 8- އައްލޫ އަރުޖުން – ފިލްމު "ޕުޝްޕާ"ގެ މި އެކްޓަރު ކުޅޭ ކޮންމެ ފިލްމަކުން އޭނާ 12 މިލިއަން ޔޫއެސް ޑޮލަރާއި 15 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ ޢަދަދެއްގެ އާމްދަނީ ހޯދައެވެ.
  • 9- އަކްޝޭ ކުމާރު –އަހަރެއްގެ މައްޗަށް އެންމެ ގިނަ ފިލްމުތަކަށް ސޮއިކޮށް ސިނަމާއަށް ގެނެސްދޭ އަކްޝޭ ކޮންމެ ފިލްމަކުން އަށް މިލިއަން ޔޫއެސް ޑޮލަރާއި 16 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ ޢަދަދެއްގެ އާމްދަނީ ހޯދައެވެ.
  • 10- އަޖިތު ކުމާރު – އިންޑިއާގެ ތަމަޅަ ފިލްމުތަކުން ފެނިފައިވާ މި އެކްޝަން އެކްޓަރަށް އަހަރެއްގެ މައްޗަށް ކުޅޭ ކޮންމެ ފިލްމަކުން 12 މިލިއަން ޔޫއެސް ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ/

ފޯބްސް އިންޑިއާއިން ނެރުނު ތަފާސްހިސާބުގައި މުޅިން ވެސް ފިރިހެން ތަރިން ހިމެނިފައިވާއިރު އިންޑިއާގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގުގައި ފިލްމު ކުޅޭ ތަރިއަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ.

comment ކޮމެންޓް