ފަލަސްތީނުގެ ދިފާއުގައި ރާއްޖެއިން އައިސީޖޭގައި ބަޔާނެއް ދެނީ

ފޮރިން މިނިސްޓަރު ޒަމީރު މިއަދު މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނު ސަރުކާރުގެ އެދުމުގެ މަތިން ދިވެހިރާއްޖެއިން މިދިޔަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އައިސީޖޭއަށް ލިޔުމުން ހުށަހަޅާފައިވާ ބަޔާނާ ގުޅިގެން އަންނަ ހޯމަ ދުވަހު އައިސީޖޭގައި ބަޔާންދިނުމަށް ތާވަލުކުރެވިފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ހަތަރުވަނަ ބައްދަލުވުމަށް ހާޟިރުކޮށް މި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ 26 ފެބުރުވަރީ ވާ ހޯމަ ދުވަހު ދިވެހިރާއްޖޭއިން އައިސީޖޭގައި ބަޔާންދިނުމަށް ތާވަލު ކުރެވިފައިވާތީ ދިވެހި ސަރުކާރުން މިކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުންދާކަމަށެވެ.

"މި މައްސަލައާ ގުޅޭ ގޮތުން 26 ފެބުރުއަރީ 2024 ގައި އައިސީޖޭގައި ދިވެހިރާއްޖެއިން އޯރަލް ސްޓޭޓްމެންޓެއް ދިނުމަށް ތަވާލުކުރެވިފައިވާތީ ދިވެހި ސަރުކާރުން މި ގެންދަނީ މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން،" ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިރުމަތީ ގުދުސް ހިމެނޭހެން އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އެ ޤައުމުން އަމަލުކުރަމުންގެންދާ ގޮތާއި ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން އދ ގެ އާންމު މަޖިލީހުން އައިސީޖޭގެ އިޝްތިޝާރީ ލަފައަކަށް އެދިފައިވާ މައްސަލައިގައި ވެސް ރާއްޖެއިން އަންނަނީ ހަރަކާތްތެރިވަމުންކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް އަޑުހަރުކޮށް ގޮވާލާ، ފަލަސްތީނަށް ދޭ އެހީ އިތުރުކުރަން މަސައްކަތްކުރާނެ ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދަން ފެށި ހަމަލާތަކުގައި ފެބުރުވަރީ 21 ގެ ނިޔަަލަށް ފަލަސްތީނުގެ 29،100 އަށް ވުރެން ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރޭގައި، 7850 އަށް ވުރެ ގިނަ އަންހެނުންނާއި، 12،400 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ހަމަލާތަކުގައި 70،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ.

comment ކޮމެންޓް