ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ހަދަން ފޮނުވަން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ. އަދި ސިއްޙީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، ކޮންމެ އަހަރަކު ޖުމްލަ ދިހަ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި އެހީގެ ދަށުން ކުއްޖަކަށް ޖުމުލަ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހެފައިވާކަމަށެވެ.
"މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ގޮތުގެ މަތިން. އެހެންވީމަ ފަސް އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ،" ޝުޖާއު ވިދާޅުވިއެވެ.
މިދިޔަ އަހަރު ދައުލަތުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފަސް ކުދިން ފޮނުވާފައިވެއެވެ.