ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހު

މިދިޔަ އަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބުނު ފަރާތެއްގެ ފިލާ: މިއަހަރު އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ގެޒެޓުގައި ޝާއިއުކުރަން ގައުމީ އިނާމާބެހޭ ކޮމިޓީއިން ނިންމައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ގައުމީ އިނާމަށް މިއަހަރު ނަން ހުށަހެޅޭނީ ހަމައެކަނި އެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ 35 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމުގެ އިތުރުން އެ މުއައްސަސާއެއް ކުރިއެރުވުމަށް އިޚުލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށް ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލް ޖުމުހުރިއްޔާ ދެއްވައި ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވާނީ ސަރުކާރުގެ ކުންފުންޏަކުން ނުވަަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން މީހަކު ނުވަތަ އެ މީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުން ކަމަށް އެ ބަޔާނުގައިވެއެވެ.

އެ އިނާމަށް ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ހުށަހަޅާއިރު އެ މީހަކީ އެ މުއައްސަސާގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފުވެރި އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުވެރި ބެޖެއްގެ އިތުރުން ހަދާނީ ލިޔުމެކެވެ.

comment ކޮމެންޓް