ފީނަން އުޅުނު، ސްވިޒަލޭންޑުގެ ފަތުރުވެރިއަކު މަރުވެއްޖެ

ސަފާރީ އުޅަނދުތަކެއް: ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއަކު ވަނީ މަރުވެފައި -- ފައިލް ފޮޓޯ

މ. އަތޮޅުގައި މިއަދު ފީނަން އުޅެނިކޮށް، ސްވިޒަލޭންޑުގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މ. މުލީ ރީޖަަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި އަބްދުﷲ ނާފިއު "ސަން"އަށް ވިދާޅުވީ އެ އަތޮޅު ދިއްގަރު ކައިރީ އޮތް ސަފާރީއަކުން ފީނަން ފޭބި މީހެއްގެ ހާލު ދެރަވެގެން ފުލުހުން އެ ހޮސްޕިޓަލަށް ގުޅީ 18:57ހާއިރު ކަމަށެވެ. އެއާއެކު އެ ހޮސްޕިޓަލުން ދެ ޑޮކްޓަރުންނާއި ދެ ނަރުހުން ދިޔަ ކަމަށާއި އެ މީހުންނަށް ދެވުނީ 15 ވަރަކަށް މިނިޓު ތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާފިއު ވިދާޅުވި ގޮތުގައި ޑޮކްޓަރުންނާއި ނަރުހުން ދިޔައިރުވެސް އެ މީހާ ނޭވާނުލާ ކަމަށެވެ. އަދި 8:12ހާއިރު އެ މީހާ މުލީ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި ފުލުހުން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާއަކީ 55 އަހަރުން މަތީގެ އަންހެނެއް ކަމަށް ވެސް ނާފިއު ވިދާޅުވިއެވެ.

ފީނަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ނުރައްކާތެރި ހާދިސާތައް ހިނގައި، ފަތުރުވެރިން މަރުވެފައިވެއެވެ.

comment ކޮމެންޓް