ރޯދައިގެ ކުރީން އިންތިޚާބު ނުބޭއްވުނީތީ ފުއާދުގެ ހިތްހަމަނުޖެހުން

އީސީގެ ރައީސް ފުއާދު ތައުފީގު: މަޖިލިސް އިންތިޚާބު އަވަސް ކުރުމަށް މަޖިލީހުގައި އެދުމުން އެ ކަމަށް މެންބަރުން އެއްބާރުލުން ނުދެއްވި ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ކުރީން ނުބޭއްވުނީތީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން ފައްޓަވައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ މަޖިލިސް އިންތިޚާބު އަވަސް ކުރުމަށް މަޖިލީހުގައި އެދުމުން އެ ކަމަށް މެންބަރުން އެއްބާރުލުން ނުދެއްވި ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވީ ރޯދަމަސް ވީމަ ކީއްކުރަން ހެއްޔޭ އަވަސް ކުރަންވީއެއް. ރޯދަ މަހު ތިމަންނަމެން އޮފީހަށް ވެސް ދަނީއޭ، ކިޔަވައިދެން ވެސް ދަނީއޭ، ކިޔަވަން ވެސް ދަނީއޭ، މަހަށް ވެސް ދަނީއޭ، ދަނޑުވެރިކަމުގައި ވެސް ދަނީއޭ، ހުރިހާ މަސައްކަތެއް ވެސް ކުރަނީއޭ. އިސްލާމުން ކުރަން ޖެހޭ ކަމެކޭ ރޯދަ ހިފުމަކީ، ރޯދަ ހިފުމޭ ކިޔާފަ ތިމަންނާމެންގެ ދިރިއުޅުމަށް ބަދަލެއް ގެންނާކަށް ނުޖެހެއޭ،" ފުއާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައި އޮންނަނީ "ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހަމަވުމަށް 120 ދުވަހަށްވުމާ އެކު، ގިނަވަގެން 10 ދުވަހުގެ ތެރޭގައި އަލަށް އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާން ކުރަންވާނެ," ކަމަށެވެ.

އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައި އޮންނަ މުއްދަތުގެ ކުރިން ނުވަތަ ފަހުން ވެސް އިންތިޚާބު ބޭއްވޭނީ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.

އީސީން މަސައްކަތް ކުރީ މި އަހަރުގެ ރަމަޟާންމަހުގެ ކުރިން މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ރޯދަމަސް އަންނާތީއޭ ކިޔާފަ ތިމަންނާމެން ގާނޫނު ބަދަލު ކުރަން ޖެހިއްޖެ ނަމަ، ނޫނިއްޔާ ހައްޖު މަސް އަންނާތީއޭ ކިޔާފަ ތިމަންނާމެން ގާނޫނު ބަދަލު ކުރަން ޖެހިއްޖިއްޔާ އަބަދު ގާނޫނު ބަދަލުކުރާހާ ނޫންހެއްޔޭ ވާނީ. އެ ގާނޫނު އޮތް ގޮތަށް ބާއްވައިގެން ތިމަންނާމެން ދަސްކުރާށޭވީ މި ކަމުގައި ހައްލުތަކެއް ހޯދަން،" ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ ރަމަޟާންމަހުގެ ފަހުން މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނުނިންމީ، އެ ގޮތަށް އެ ކަން ކޮށްފި ނަމަ، ކެމްޕޭން ކުރުމަށް ލިބޭނީ ރަމަޟާން މަސް ކަމުގައިވާތީ ކަމަށެވެ.

މާޗު މަހުގެ 17ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާ އިރު، އެއީ ރަމަޟާންމަހުގެ ހަތް ވަނަ ދުވަހެވެ.

އެ ތާރީޚު ރޯދަމަހާ ދިމާވާތީ، އިންތިޚާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް އެ ގާނޫނު ތަސްދީގުކުރައްވައިފައެއް ނުވެއެވެ.

comment ކޮމެންޓް