ސޯލާ ޕެނަލް ތަކުގައި ޖެހި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

ފުލުހަކު މަގުމަތީގައި: ހުޅުމާލޭ މިދިލި މަގުގައި މިއަދު އެކްސިޑެންޓެއް ހިނގައި އެކަކަށް ވަނީ އަނިޔާ ވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހުޅުމާލޭ މިދިލި މަގުގައި ސޯލާ ޕެނަލްތައް ހަރުކުރަން ޖަހައިފައި ހުރި ހޮޅި ދަނޑި ތަކުގައި ކާރެއް ޖެހި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާއިރު، އެއީ އެ ކާރު ދުއްވަންއިން މީހާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގީ ހުޅުމާލޭގެ މިދިލި މަގުން ދުއްވައިފައި ދިޔަ ކާރެއް އެ މަގުގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ޖަހައިފައި ހުރި ހޮޅިތަކުގައި ޖެހިގެންނެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ނުގުޅޭތީ އަނިޔާ ލިބުނު މީހާގެ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

މިފަހުން ބްރިޖު ހައިވޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލް ތަކުގައި ޖެހި އެތައް އެކްސިޑެންޓުތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން މިދިޔަ މަހުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއްވިއެވެ. އެ އެކްސިޑެންޓްގެ ސަބަބުން ސޯލާ ޕެނަލްތަކަށް ވަނީ ދެ ލައްކަ ރުފިޔާގެ ގެއްލުން ވެފައެވެ.

ފުލުހުން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 އެކްސިޑެންޓު ރިޕޯޓުކޮށްފައި ވެއެވެ.

comment ކޮމެންޓް