ހޯމައިގެ ކުރިން މަސްވެރިންނަށް އިތުރު 100 މިލިއަން ރުފިޔާ ދޫކުރެވޭނެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ވިދާޅުވީ އަންނަ ހޯމައިގެ ކުރިން މަސްވެރިންނަށް އިތުރު 100 މިލިއަން ދޫކުރެވޭނެ ކަމަށް -- ފޮޓޯ/ މަޖިލީސް

އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާއިން އިތުރު 100 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މާ ކުރިން ކޮށްފައިވާ ސުވާލުތަކަކަށް ޖަވާބު ހޯދަން، ވަޒީރު ޝިޔާމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އިތުރު ސުވާލުގެ ވަގުތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ލިބޭ ފައިސާއިން މަސްވެރިންނަށް ފައިސާ ނުދީ އެހެން ކަންކަމަށް ހަރަދުކުރަނީތޯ ސުވާލު އުފައްދަވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވަނީ އަންނަ މާޗު ފަސްވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދައްކަންވެފައި އޮތް ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރާނެކަމަށް ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

"އޭގެ 100 މިލިއަން ރުފިޔާ، 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިއަށް ދެއްކޭނެ އިންތިޒާމުތަކެއް ގެނެވޭތޯ،" އޭނާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމް: ވިދާޅުވީ، މަސްވެރިންނަށް ހޯމައިގެ ކުރިން އިތުރު 100 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

ވަޒީރު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ ހޯމައިގެ ކުރިން މަސްވެރިންނަށް މިހާރު ދައްކަންވެފައި އޮތް 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ ދޫކުރުން ކަމަށެވެ. އަދި، ބާކީ 180 މިލިއަން ރުފިޔާ އެންމެ ލަސްވެގެން މާޗު މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ދޫކޮށް ނިންމައިލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އެކިއުމިލޭޓުވަމުންދާ ޚަރަދުތައް އެއީ މަހަށް މި ގެނެވުނު ބަދަލު ގެނެވުނު ފަހުން މި ހިނގާ ދުވަސްތަކުގައި ހަފުތާއިން ހަފުތާއަށް ފައިސާ ދައްކަން ވަނީ ހަމަޖެހިފައި،" ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެންމެ ފަހުން ހަފުތާގައި މަސް ގަނެގެން ދައްކަންޖެހިފައި އޮތް 26 މިލިއަން ރުފިޔާ މި ހަފުތާގެ ތެރޭގައި ދޫކުރުމުގެ މަސައްކަތް މިހާރު މިފްކޯއިން ކުރަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން 18،000 އަށް ވުރެ ގިނަ ޓަނުގެ މަސް ބޭރުކޮށްގެން އާމްދަނީގެ ގޮތުގައި ޖުމުލަ 395 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެކަމަކު، އެ ދުވަހުން ފެށިގެން މިހާތަނަށް މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާނުދީ ލަސްވާތީ، ހުވަދުއަތޮޅާއި އައްޑު އަތޮޅު ހިމެނޭހެން ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.

ވަޒީރު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މިދިޔަ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާގެ އަދަދު 270 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން އުޅެނީ އެހެންވެ ކަމަށް ވަޒީރު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމުތައް ދައުރުގެ ކުރީކޮޅު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް