ކުރީ ސަރުކާރުން ދިޔައީ ސިއްހީ ވުޒާރާ 300 މިލިއަން ރުފިޔާއިން ދަރަނިވެރިކޮށްފަ: މިނިސްޓަރު

ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް: ކުރީ ސަރުކާރުން ދިޔައީ ސިއްހީ ވުޒާރާ 300 މިލިއަން ރުފިޔާއިން ދަރަނިވެރިކޮށްފައި ކަމަށްް އޭނާ ވިދާޅުވި -- ފޮޓޯ/ ޕީއެސްއެމް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދައުރު ނިމުނުއިރު ސިއްހީ ވުޒާރާގެ ދަރަނި އޮތީ 300 މިލިއަން ރުފިޔާއަށް އަރާފައި ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދުއާއި ހިތަދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޚަލީލް ވިދާޅުވީ، ރައީސްގެ އެންމެ ފާހަގަކުރެވޭ އެއް ސިޔާސަތަކީ، އެ މަނިކުފާނު އެންމެ އިސްކުރައްވާނީ ދިވެހިން ކަމަށް ވިދާޅުވެ އެކަން ސާބިތުކޮށްދެއްވުން ކަމަށެވެ.

އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އެތެރެއާއި ބޭރުން ވެސް ގޮންޖެހުންތަކާ ދިމާވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެރިކަން ބަދަލުކުރަން އިދިކޮޅުން މަސައްކަތް ކުރުމާއި ރާއްޖޭގެ އިގުތިސާދާ ގުޅޭ ގޮތުން ފަތުރާ ވާހަކަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތަށް އަރަނީ ބައެއް ހަގީގަތްތައް ރައްޔިތުންނަށް ކިޔައި ދިނުމަކީ ހަމަ ކޮންމެހެން ވެސް އަޅުގަނޑު ކުރަން ޖެހޭނެ ކަމެކޭ، އަޅުގަނޑުގެ މި ދާއިރާގެ ތެރޭގައި ބައެއް ކަންތައްތައް ހުރީމައާ ވެސް އެއްކޮށް،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ވުޒާރާއާ ހަވާލުވުމަށް ފަހު، މި ވުޒާރާގެ ބައެއް ހިސާބުތައް ހޯއްދެވި ކަމަށެވެ. އެއާއެކު ފާހަގަކުރެވުނީ، ސިއްހީ ވުޒާރާއަށް އެކަނި ނިސްބަތްވާ 300 މިލިއަން ރުފިޔާގެ ދަރަނި އޮތްކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާސަންދައާއި އެންސްޕާގެ ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީކީ. އެއީ އެހެން ވުޒާރާއެއްގެ ދަށުގައި އޮތް ދެ ތަނަކަށް ވާތީއާ ވެސް އެއްކޮށް އެ ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީ. ސިއްހީ ވުޒާރާއާ ގުޅުން ހުރި ސިއްހީ ވުޒާރާގެ ދަށުން ހިނގާ އެކިއެކި މުއައްސާތަކަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ދަރަނި ދޫކޮށްލާފައި،" އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ރާއްޖޭގެ މީގެ ކުރިން އެއްވެސް ސަރުކާރަކުން މިހާ ބޮޑުކޮށް ނާއުއްމީދީކޮށް ސަރުކާރެއް ހިންގާފައެއް ދިޔަތަން އަޅުގަނޑުމެންނަކަށް ފެނިފައެއް ނެތް."

މީގެ އިތުރުން ކުރީ ސަރުކާރުން މަޝްރޫއުތައް ދިނުމުގައި، ވެރިކަން ކުރި އެމްޑީޕީގެ މީހުންނަށް އިސްކަން ދީގެން މަޝްރޫއުތައް ހަވާލުކޮށްފައި ހުރި ކަމަށް ޚަލީލް ތުހުމަތު ކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުން ފައިސާ ހޯދަން ލިޔެކިޔުންތައް ނުފުނޮވުމުގެ ސަބަބުން، ފައިސާ ނުލިބި، މަޝްރޫއުތައް ހުއްޓާ ހިސާބަށް ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ ތާރީޚުގައި، ފަހުގެ ތާރީޚުގައި ވެފައި ހުރި ކަންތަކެއް ނޫން. މިނިސްޓްރީ އޮފް ފިނޭންސްގެ ލިޔެކިޔުންތަކަށް ބަލާއިރުގައި މިހާ ހިސާބަށް ރާއްޖޭގެ މިފަހުގެ ތާރީޚުގައި އެފަދަ ފަންޑެއް ވިތުޑްރޯ ކޮށްގެން ޕްރޮޖެކްޓުތައް ހުއްޓިފައެއް ނުހުންނާނެ މި ނޫނިއްޔަކާ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ރައީސާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ސަރުކާރުންނާއި މިނިސްޓްރީތަކުން ދައްކަން ޖެހޭ ފައިސާތައް ނުދައްކައި ހުރުމުން، އެތައް މިލިއަން ރުފިޔާއަކުން ދަރިނިވެރިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް