ޝާހިދުގެ ދަރުމަވެރިޔާ: މަންމަގެ ޚިދުމަތް ކިޔައިދޭ ބަޔޮގްރަފީ

'ދަރުމަވެރިޔާ' ފޮތް ނެރުމުގެ ރަސްމިއްތާތުގެ ތެރެއިން ---

އެތައް އަހަރުތަކެއްވަންދެން މުޖުތަމައަށް ގިނަ ޚިދުމަތަތަކެއް ކޮށްދީފައިވާ ޚަދީޖާ މޫސާގެ އެންމެ ހަގު ދަރިފުޅު އޭނާގެ މަންމަގެ އަގުވަޒަންކުރީ ވަރަށް ތަފާތު ގޮތަކަށެވެ. އެއީ، މަންމަގެ ޚިދުމަތްތައް ލިޔެ ފޮތެއް ނެރުމެވެ. އޭނާ އެންމެނަށް މި ކިޔައި ދެއްވަނީ މަންމައަކީ ކިހާ ޚިދުމަތްތެރި މީހެއް ކަމެވެ.

މީގެ ދެ އަހަރު ކުރިން ނިޔާވި، ކ. ގާފަރު، ޖަވާހިރުމާގެ، ޚަދީޖާ މޫސާގެ އެންމެ ހަގު ދަރިފުޅު، ޑރ. އަޙުމަދު ޝާހިދު އޭނާގެ މަންމަގެ އަގުވަޒަންކޮށް ލިޔުނު 'ދަރުމަވެރިޔާ' ފޮތް ނެރެފައިވަނީ ރޭ އެ ރަށުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

އާއިލީ ހަފުލާއެއްގެ ގޮތުގައި ރޭ ބޭއްވި އިވެންޓްގައި މި ފޮތް ނެރެދިނީ ޚަދީޖާގެ އެންމެ ދޮށީ ދަރި، އަބްދުއް ރަޝީދެވެ.

މި މަސައްކަތް ޝާހިދު ފެށީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު މަންމަ ނިޔާވުމުގެ ކުރިންނެވެ. އެއީ، ކޮންމެހެން މާ ބޮޑު މަޝްހޫރު ކަމެއް ހޯދަން ކުރި ކަމެއް ނޫނެވެ. އެ ފޮތް ލިޔަން ޚަދީޖާގެ ހަގު ދަރިފުޅު ނިޔަތްގަތީ މަންމަ ކުރި ޚިދުމަތް ގިނަ ބަޔަކަށް ފެންނާނެހެން ރައްކާ ކުރުމުގެ ނިޔަތުގައެވެ.

'ދަރުމަވެރިޔާ' ފޮތް ނެރުމުގެ ރަސްމިއްތާތުގެ ތެރެއިން---

"ކޮންމެހެން މަންމަ ކުރި މަސައްކަތްތައް ފާހަގަކޮށް އެކަމަށް އެވޯޑުތަކެއް ދިނުމުގެ ވާހަކައެއް ނޫން. އެކަމު އެއީ ބަޔަކަށް އިޖުތިމާއީ ޚިދުމަތެއް ކުރާ ކަމަށްވަންޏާ އޭގެ ސަބަބުން ދެން އަންނަން ޖެހޭނޭ އެއް ބަދަލަކީ އެއާ ގުޅިގެން ދެން ތިބި މީހުން ވެސް އެކަން ކުރާހިއްވެ، އެ އިޖުތިމާއީ މަސައްކަތުގެ ތެރޭގައި މީހުން އުޅެން [ޝައުގުވެރިވުން]،" މި ނޫހަށް މައުލޫމާތު ދެމުން ޝާހިދު ބުންޏެވެ.

ފޮތުން މާ ބޮޑު ފައިދާއެއް ހޯދައި، ވިއްކުމުގެ ބޭނުމެއް ނެތުމުން ފުރަތަމަ ޗާޕުކުރީ ވެސް 50 ކޮޕީއެވެ. އެ ފޮތްތައް ބަހައިލީ ގާތްތިމާގެ މީހުންނަށެވެ.

ޚަދީޖާއަކީ އެއް ރޮނގަށްވުރެ ގިނަ ރޮނގުރޮނގުން ޚިދުމަތްކުރެއްވި ނަމޫނާއެކެވެ. އެކަމަކު، އެ ޚިދުމަތުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ޤުރުއާން ކިޔަވައިދިނުމަށް ކުރި މަސައްކަތެވެ. އެ މަސައްކަތަށް އޮތް ލޯތްބެވެ. އެ މަސައްކަތް ފުރަތަމަ ފެށީ އެންމެ ޒުވާން އުމުރުގައި ބޮޑު އަށި މަތިންނެވެ.

'ދަރުމަވެރިޔާ' ފޮތް ނެރުމުގެ ރަސްމިއްތާތުގެ ތެރެއިން ---

"މަންމައަކީ ގާފަރުގައި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތުގައި މެދުނުކެނޑި 62 އަހަރު ހޭދަކުރެއްވި ފަރާތެއް،" ޝާހިދު ފަހުރުވެރިކަމާ އެކު ކިޔައިދިނެވެ.

"އެ 62 އަހަރުގެ ތެރެއިން 19 އަހަރު ހޭދަކުރީ ސަރުކާރު ވަޒީފާގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ، ދެން އޭގެ ފަހުން އެ މުއްދަތަކީ ގޭގައި ގުރުއާން ކުލާހެއް ހައްދަވައިގެން އެ މަސައްކަތުގައި އުޅުއްވީ. އެހެންވީމާ އެއީ ވަރަށް ދިގު މުއްދަތެއްގެ ވަރަށް މުހިންމު ޚިދުމަތެއް،" އޭނާ ބުންޏެވެ.

އެކަމަކު، ޤުރުއާން އުނގަންނައިދިނުމުގެ މަތިވެރި ޚިދުމަތާ ހިސާބުން ޚަދީޖާގެ ޚިދުމަތުގެ ސޮފުހާތަކެއް ނުނިމެއެވެ. އެއީ، ގާފަރުގެ އިޖުތިމާއީ ހުރިހާ މަސައްކަތެއްގައި ވެސް މެދުނުކެނޑި އުޅުއްވިއެވެ. އޭނާ ވަނީ ގިނަ ޒަމާންތަކެއް ވަންދެން އެ ރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސާކަން ވެސް ކޮށްފައެވެ.

މި ޚިދުމަތްތަކުގެ އިތުރުން ރަށުގައި ފޫޅުމައެއްގެ ގޮތުގައި ވެސް 20 ނުވަތަ 25 އަހަރުވަންދެން ޚިދުމަތްކުރެއްވިއެވެ. މެހުމާނުންނަށް އަދާކުރި މެހުމާންދާރީއާއި ދިވެހި ބޭސްވެރިކަމުގެ މަސައްކަތަކީ ވެސް ޚަދީޖާގެ ފާހަގަކޮށްލެވޭ ޚިދުމަތްތެރި ސޮފުހާއެކެވެ.

އެންމެ ފާހަގަކޮށްލެވުނު ކަމަކީ އެ ހުރިހާ ކަމެއް ހިލޭ ސާބަހަށް ކުރި ކުރުމެވެ. އެ ޚިދުމަތުން ޝާހިދަށް ލިބެނީ ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި ޝަރަފެކެވެ.

https://sun.mv/43606

"މި ހުރިހާ މަސައްކަތެއް ވެސް ކުރައްވާނީ ހިލޭސާބަހަށް،" އިއްޔެ ނެރުނު ފޮތާ ގުޅޭ މައުލޫމާތުތައް ކިޔައިދެމުން ޝާހިދު ބުންޏެވެ.

"ދެން އެގޮތަށް ޤުރުއާން ކިޔަވައިދިން ކުދިންގެ ތެރެއިން ވެސް ދެބައިކުޅައެއްބައި ކުދިންނަކީ އަނެއްހެން ފީއެއް ދައްކާ ކުދިންނެއް ނޫން. ދެން ބެލެނިވެރިޔަކު މިސާލަކަށް ތިމަންނަ އެއްޗެއް ދޭނަމޭ އެހެން ހިތަށް އަރައިގެން ދީފިއްޔާ އެ އެޗެއް އޯކޭ. އެކަމަކު އަގެއް ކަނޑައަޅާފައެއް ނޯންނާނެ،"

ޚަދީޖާގެ މި ހުރިހާ ޚިދުމަތެއް އެންމެ ތާޒާކަމާ އެކު، އެންމެ ތަފުސީލީކޮށް "ދަރުމަވެރިޔާ" ފޮތުގައި ވަނީ ހިމަނައިފައެވެ. އެންމެ ހަގު ދަރިފުޅު ލިޔެ، ޝާއިއުކުރި 200 ޞަފުޙާގެ ފޮތަކީ ގާފަރުގެ ކުޑަކުޑަ މުޖުތަމައުގައި މަންމައަށް އޮތް ލޯތްބާއި ގަދަރާއި އިހުތިރާމްގެ ތަފުސީލެވެ.

ޚިދުމަތުގެ ވާހަކަ އެކަންޏެއް ނޫނެވެ. ޝާހިދުގެ ފޮތުގައި އާއިލާގެ ވާހަކަ ވެސް ކޮންމެ ވެސް ވަރަކަށް ވަނީ ހިމަނައިފައެވެ. މިހާރު ދުނިޔޭގައި ހުރި ޚަދީޖާގެ ކޮއްކޮގެ އިންޓަވިއޫއެއް ވެސް އެ ފޮތުގައި ވަނީ ހިމަނައިފައެވެ.

ޚަދީޖާ މި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރުގެ އޭޕްރިލް މަހު، އުމުރުން 85 އަހަރުގައެވެ.

comment ކޮމެންޓް