ގުރުއާން ކިޔަވަަދިނުގައި ފޫހިކަމެއް ނެތި ބައި ގަރުނު

ކ.ގާފަރު، ޖަވާހިރުމާގެ، ހަދީޖާ މޫސާ މީހުންނަށް ގުރުއާން އަކުރު ދަސްކޮށްދީ ގުރުއާން ކިޔަވަދޭން ފެށީ އޭނާގެ އެންމެ ޒުވާން ދުވަސްވަރުގަ އެވެ. އެއީ އޭނާ އެންމެ ޗާލާ ދުވަސްވަރުގަ އެވެ. ގޭގެ ބޮޑު އަށި މަތީގައި ފެށި އެ މަސައްކަތް މިއަދުވެސް ހުއްޓާނުލާ ކުރިއަށް އެބަ ގެންދެ އެވެ. އެކަމަކު މިއަދު އޭނާގެ އުމުރުން 78 އަހަރުވެއްޖެ އެވެ. މިއަދުވެސް އޭނާ ކައިރިން ގުރުއާން އަކުރު ދަސްކުރަމުންދާ 102 ކުދިން އެބަ ތިއްބެވެ.

މީގެ ގާތްގަނޑަކަށް 52 އަހަރުކުރިން ގުރުއާން ކިޔަދިނުމުގެ މަސައްކަތް ހަދީޖާ ފެށި އިރު ގާފަރަކީ ސްކޫލެއް ހުންނަ ރަށެއްނޫނެވެ. އޭރު އެ ރަށުގައި ކިޔަވަދޭނެ މާ ގިނަ މީހުންތަކެއް ނެތެވެ. ހަދީޖާ ވަނީ އޭނާ ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުން ސަން އާ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. މިއަދު އޭނާއަކީ އުމުރުން ދުވަސްވެފައިވާ މީހެއް ނަމަވެސް އޭނާ އެމަސައްކަތް ފެށި ދުވަސްވަރުގެ ހަނދާންތައް ރަނގަޅަށް އެބަހުއްޓެވެ.

"ގޭގެ ބޮޑުއަށިމަތީގައި އޭރު ކިޔަވަދޭން ފެށީ. އޭރު އަޅުގަނޑުގެ އެންމެ ދޮށީ ދަރިއަށް ވާނީ ތިން އަހަރު. މިހާރު ދޮށީ ދަރީގެ ކާފަދަރިން ވެސް އެބަތިބި. އޭރުން ފެށިގެން ކިޔަވައިދެމުން މިދަނީ،" ހަދީޖާ ކިޔާދިނެވެ.

ހަދީޖާ ކިޔަވަދެމުން ދިޔަތާ ދުވަސްގަނޑެއް ފަހުން ރަށް ރަށުގައި ކިޔަވަދޭނެ ތަނެއް ސަރުކާރުން އެޅުމަށް ނިންމި އެވެ. އެތަނުގައި ގުރުއާން ކިޔަވަދޭނެ މީހަކު އެރަށުން ހޯދުމަށް ކުރި މަސައްކަތުގައި ހަދީޖާ އަށް އެފުރުސަތު ލިބުނެވެ. ރަށުގެ ހުރިހާ ކުދިނަށް ގުރުއާން ކިޔަވަދިނުމަށް ސަރުކާރަށް ހުށަހެޅުމަށް އާއެކޭ ބުނީ އެފަދަ ފުރުސަތެއް ނަގާލުމަށް ބޭނުންނުވާތީ އެވެ. އެ ހުށަހެޅުން ލިބުނީ ވެސް އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ފަރާތްޕުޅުންނެވެ.

"އަޅުގަނޑު ބޮޑުއަށި މަތީގައި ކިޔަވައިދޭން އިންދާ އެއްދުވަހަކު ޒާހިރު ހުސެއިން ވަޑައިގެން ވިދާޅުވީ މި ރަށުގެ ކުދިނަށް ކިޔަވަދޭން ފަށަންވީނޫން ހޭ. ސަރުކާރުން ބޭނުންވޭ މިރަށުގައި ވެސް ކިޔަވަދޭނެ ތަނެއް އަޅާފައި ކިޔަވަދޭނެ މީހަކު ބަހައްޓަން. ދެން ނުކެރުނު އެހެން ވިދާޅުވީމާ ނޫނެކޭ ބުނާކަށް. އެހެންވެ އެ ފުރުސަތުގެ ބޭނުން ކުރީ،" ސަރުކާރުގެ ތެރެއަށް ވަނުމަށް ލިބުނު ފުރުސަތުގެ ވާހަކަ ހަދީޖާ ކިޔާދިނެވެ.

ގައުމީ ޔުނިވަސިޓީގެ ޗާންސެލަރުގެ މާގާމުގައި މިހާރު ހުންނެވި ޑރ. ޒާހިރު ހުސެއިން ވިދާޅުވީ އެރަށުގައި ކިޔަވަދޭނެ މީހަކު ހޯދުމަށް އޭރު ބެލި އިރު އެރަށުގައި ގުރުއާން ކިޔަވަދޭނެ ހުރީ ހަދީޖާ ކަމަށް ވާތީ އޭނާ އަށް އެ ފުރުސަތު ދެއްވީ ކަމަށެވެ. ޒާހިރު ވިދާޅުވީ މިއަދާ ހަމައަށް ވެސް ކުދިންނަށް ގުރުއާން ކިޔަވަދޭން ދެމިހުރުމަކީ ހަދީޖާގެ ހިތްވަރު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އެރަށަށް ދިޔައީ އެޑިއުކޭޝަން މިނިސްޓަރަކަށް ހުރިއިރު. އޭރު އެ ރަށުގައި ސްކޫލެއް ވެސް ނެތް. ރަށުގައި ގުރުއާން ކިޔަވަދޭނެ މީހަކު ހޯދުމަށްޓަކައި ކުރި މަސައްކަތުގައި އޭނާއާ ބައްދަލުވީ. މިހާތަނަށް ވެސް ހަދީޖާ ގުރްއާން ކިޔަވައިދިނުމުގައި ދެމިހުރުމަކީ ވަރަށް ހިތްވަރުގަދަކަން،" ޒާހިރު ވިދާޅުވި އެވެ.

އެ ހިސާބުން ސަރުކާރަށް ހިދުމަތްކުރުގައި އޭނާ ހުސްވީކީ ނޫނެވެ. ގެއަށް އައިސް ގޭގައި ވެސް ގެންދިޔައީ ގުރުއާން އަކުރު ކުދިނަށް އުންގަންނަ ދެމުންދެ އެވެ. އެރަށުގައި ކިޔަވަދެމުން ދިޔަތަން ބަދަލުވެ "ގާފަރު މަކުތަބު" ނަމުގައި ތަނެއް ހުޅުވައިގެން ކިޔަވައިދޭން ފެށީވެސް ހަދީޖާ އެ ހިދުމަތުގައި ހުއްޓަ އެވެ. އޭގެ ފަހުން ގާފަރު މަދަރުސާ އަޅާ ދުވަސްތަކެއްފަހުން އެތަނުގެ ނަން ގާފަރު ސްކޫލަށް ބަދަލުވީ ވެސް ހަދީޖާ އެ ހިދުމަތުގައި ހުއްޓަ އެވެ. ދިރާސީ ތާރީހުގައި ފާހަގަ ކުރެވޭ ކިތަންމެ ދުވަހެއް ހަދީޖާ ދުއްޓެވެ.

ކިޔަވަދިނުމުގެ ދިގު މާޒީގައި ހަދީޖާ އެންމެ ދެރަވި ދުވަހަކަށްވީ ސަރުކާރުގެ ހިދުމަތްކުރިތާ 19 އަހަރު ވީފަހުން ސަރުކާރުން ވަކި ކުރި ދުވަހެވެ. ވިހި އަހަރު ސަރުކާރަށް ހިދުމަތްކުރީތީ ސަރުކާރުންދޭ ޕެންޝަން ލިބެން އެންމެ އަހަރަކަށް ވެފައިވަނިކޮށް އޭނާ ސަރުކާރުން ވަކި ކުރީތީ އެކަމާ ރަށުގެ ބައެއް މީހުން ވެސް ހިތާމަކުރި އެވެ. ނަމަވެސް ގުރުއާން އަކުރު އުނގަންނައި ދިނުމުގައި އޭނާގެ ފަހަކަށް ނުޖެހެ އެވެ. ގުރުއާން ކިޔަވަދެމުންދިޔަ އެދުރުދައިތަ ގެވެސް ބަންދެއް ނުކުރެ އެވެ.

"އަޅުގަނޑު ސަރުކާރުން ވަކި ކުރި ދުވަހު ވަރަށް ދެރަވި. އެއީ އެންމެ ދެރަވި ދުވަހަކީ ވެސް. އެދުވަހު ރޮވެން ވެސް ރޮވުން. އެކަމަކު އަޅުގަނޑު ހިތަށްއެރި މިކަން ހުއްޓާ ނުލައި ކުރިއަށްދާނަމޭ ރަށު މީހުން ކުދިން ކިޔަވަދޭން ގެންނަކަމަށް ވަންޏާ،" ހަދީޖާ ބުންޏެވެ.

ގުރުއާން ކިޔަވައި ދިނުމުގެ އިތުރުން ހަދީޖާގެ ހިދުމަތްތައް ގިނަ އެވެ. އޭނާ ވަނީ 23 އަހަރުވަންދެން ފޫޅުމައިކަން ކޮށްފަ އެވެ. ރަށުގެ އެތައް ކުދިންނެއް ވިހާފައި ވަނީ އޭނާގެ އަތްމައްޗަށެވެ. އެކުދިންނަށް ގުރުއާން އަކުރު އޮޅުންފިލުވަދީ ގުރުއާން ހަތިމު ކޮށްދިނީ ވެސް އޭނާ އެވެ. އޭގެ އިތުރުން އެތައް މީހަކަށް ނަމާދުގައި ކިޔާ ތަކެތި ދަސްކޮށްދީ ނަމާދުކުރަންވީ ގޮތް ވަނީ ދަސްކޮށްދީފަ އެވެ. އޭނާ ވަނީ އެތައް މީހަކަށް ހިސާބުގެ އިލްމް ދަސްކޮށްދީފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ވިޔަފާރިވެރިންނެވެ. މިއީ ކޮންމެ ހިދުމަތެއް އޭނާ ދިނީ ގުރުއާން ކިޔަވަދިނުން ހުއްޓާނުލަ އެވެ. އޭނާ ދެކޭ ގޮތުގައި މިއަދާ ހަމައަށް އޭނާ އަށް އެހިދުމަތުގައި ހުރެވުނީ އެނާގެ ދަރިންގެ އަޅާލުމާއި ލޯބީގެ ސަބަބުންނެވެ.

ހަދީޖާ ކައިރިން ގުރުއާން އަކުރު ދަސްކުރި ބައެއް މީހުންގެ އުމުރުން 56 އަހަރު ވެއްޖެ އެވެ. އޭގެ ފަހުން އެމީސް މީހުންގެ ކާފަ ދަރިން ވެސް މިއަދު ގުރުއާން އަކުރު ދަސްކުރަމުންދަނީ ހަދީޖާ ކައިރިންނެވެ. އޭނާގެ ހިދުމަތް ފާހަގަ ކުރުމަށް ގާފަރު ޔޫތް ކުލަބުން ހިދުމަތްގެ ފިލައެއް މިދިޔަ އަހަރު ދީފަ އެވެ. އޭގެ ފަހުން ރަށު ކައުންސިލުން ވަނީ ހިދުމަތުގެ ފިލައެއްދީފަ އެވެ. އޭގެ އިތުރުން ރަށު މީހުންގެ ހިތްތަކުން ވަނީ ހަދީޖާ އަށް ހާއްސަ އިހްތިރާމާއި ގަދަރެއް ދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް