ސީވީއެފް ގައުމުތަކުން ދަރަނިން އަރައިގަންނަން އައިއެމްއެފް ޕްރޮގްރާމްގައި ބައިވެރިވާކަށް ނުޖެހޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ކްލައިމެޓް ވަލްނަރަބުލް ފޯރަމް (ސީވީއެފް)ގައި ހިމެނޭ ގައުމުތަކުން ދަރަނިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސީވީއެފް ގައުމުތަކަށް، ސީވީއެފް ވީ20 ސެކްރެޓޭރިއަޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން، ކާބަން ޓްރޭޑިން ފަދަ، ދަރަނި ކުޑަކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދަކީ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އެ މަގާމު އަދާކުރެއްވުމަށް ޓަކައި، އެ މަނިކުފާނު ވަނީ ގާނާއަށް ދިރިއުޅުއްވުން ވަގުތީ ގޮތުން ބަދަލުކުރައްވައިފައެވެ.

ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށާއި، އޭގެ ސަބަބުން އައިއެމްއެފްއިން ކަނޑައަޅާފައިވާ ޝަރުތުތައް ހިމެނޭ ޕްރޮގްރާމެއްގައި ބައިވެރިވާން ރާއްޖެއިން އެއްބަސްވެފައިވާ ކަމަށް މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި ދެކެވެން ފެށި ވާހަކައަކާ ގުޅިގެންނެވެ.

އެއީ އެއްވެސް ބުރަދަނެއް ނެތް، ސައްހަ ނޫން ވާހަކަތަކެއް މިއަދު އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެއީ މި ސަރުކާރުން ފަށައިފައިވާ އިގްތިސާދީ އަދި މާލީ އިސްލާހުތަކަށް ހުރަސް އެޅުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ތުހުމަތުކޮށްފައެވެ.

https://sun.mv/188785

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ވެސް ވަނީ މީގެ ކުރިން އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލުމަށް ޓަކައި ފިލައި ތިބެ ބަޔަކު ކުރާ މަސައްކަތްތަކެކެވެ.

comment ކޮމެންޓް