'އިޝްގް ވިޝްގް'ގެ ސީކުއަލް ޖޫން މަހު ސިނަމާއަށް

އެކްޓަރު ޝާހިދު ކަޕޫރު އަދި ބަތަލާ އަމްރީތާ ރާއޯގެ ފިލްމީ ކެރިއަރުގެ ފެށުން ކަމަށްވާ ފިލްމު "އިޝްގް ވިޝްގް"ގެ ސީކުއަލް "އިޝްގް ވިޝްގް2" މި އަހަރުގެ ޖޫން މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން އިއުލާނު ކޮށްފިއެވެ.

"އިޝްގް ވިޝްގް ރީބައުންޑް"ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ، މަޝްހޫރު ރިތިކް ރޯޝަންގެ ދެބެއިންގެދެދަރި ޕަޝްމީނާ ރޯޝަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމު ވެސް މެއެވެ. ޕަޝްމީނާ ރޯޝަން އަކީ ރިތިކް ރޯޝަން ފިލްމީ ދާއިރާއަށް ތަޢާރަފުވި ކާމިޔާބު ފިލްމު "ކަހޯނާ ޕިޔާރު ހޭ"ގެ މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ކުއްޖެކެވެ.

ޒުވާނުންނާ ގުޅޭ, ލޯތްބާ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުން ޕަޝްމީނާ ރޯޝަންއާ އެކު ރޯހިތު ސަރަފް، ޖިބްރާން ޚާން އަދި ނައިނާ ގަރޭވާލް މުހިއްމު ރޯލުތަކުން ފެންނާނެއެވެ. ޖިބްރާން ޚާން އަކީ ދަރުމާ ކުންފުނިން ގެނެސްދިން ކާމިޔާބު ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގައި ޝާހްރުކް ޚާންގެ ދަރިފުޅުގެ ބައި ކުޅުނު އެކްޓަރެވެ.

މި ފިލްމަކީ، 2003 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އިޝްގް ވިޝްގް" އެކޭ އެއްގޮތަށް ޒުވާނުންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ޑައިރެކްޓަރު ނިޕޫން އަވީނާޝް ވަނީ ބުނެފައެވެ. ފިލްމު "އިޝްގް ވިޝްގް2"އިން ކުރީގެ އެއްވެސް ފިލްމީ ތަރިއެއް ނުފެންނާނެ ކަމަށް ޑައިރެކްޓަރު ނިޕޫން ވަނީ ބުނެފައެވެ.

ފިލްމު "އިޝްގް ވިޝްގް"ގެ މަންޒަރެއްގައި ޝާހިދު ކަޕޫރާއި އަމްރީތާ ރާއޯ-- ފޮޓޯ/ އިންޓަނެޓް
ބޮކްސް އޮފީހުގެ 100 ކްރޯރް ކްލަބުން ޖާގަ ހޯދި ފިލްމު "އިޝްގް ވިޝްގް"އަށް ފަހު އެކްޓަރު ޝާހިދު ކަޕޫރުވީ ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފުރުސަތު ލިބި އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނުނު މީހަކަށެވެ.

ޝާހިދު ކަޕޫރާއި އަމްރީތާގެ އޮންސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށް ކަމުގޮސް ދެ ތަރިން އެކީގައި ގިނަ ފިލްމު ތަކުން ފެންނަން ވެސް އޭރު ގިނަ ބަޔަކު ބޭނުންވިއެވެ. މި ދެ ތަރިން އެކީގައި 2006 ވަނަ އަހަރު ކުޅުނު ފިލްމު "އޭކް ވިވާހް"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. ނަމަވެސް ފަހުން އަމްރިތާގެ ފިލްމުތަކަށް މާ ބޮޑު މަގުބޫލު ކަމެއް ނުލިބި ބަތަލާގެ ތަރި ވަނީ ފިލްމު އިންޑަސްޓްރީގައި އޮއްސިފައެވެ

comment ކޮމެންޓް