އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަމެއް ހުއްޓިފައި ވަނީ ފިލްމީ ދެމަފިރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި އައިޝްވާރިއާ އަށެވެ.
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާއަށް ނިސްބަތްވާ މި ދެމަފިރިންގެ 17 އަހަރުވީ ކައިވެނީގައި މައްސަލަތަކެއް ޖެހި އައިޝްވާރިއާ އާއި ދަރިފުޅު އަރާދިއާ ދިރިއުޅެމުން އަންނަނީ ވެސް އަބީޝެކްއާ ވަކިން އެހެން ގެއެއްގައި ކަމަށް ވެސް އެކި މީޑިއާތަކުން ވަނީ ބުނެފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173317029013M9Wb.jpg)
އައިޝްވާރިއާ ރާއީ ދަރިފުޅު އަރާދިއާ ބައްޗަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާ ކަމުގެ ޚަބަރުތައް ތަކުރާރުކޮށް މީޑިއާތަކުން ފަތުރަމުން އައި ނަމަވެސް މިކަމާ ގުޅިގެން ރަސްމީ ސިފައެއްގައި ދެތަރިންގެ ފަރާތުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަމަ ޔަގީނުން ވެސް އެނގޭ ކަމަކީ ދެތަރިން އެކީގައި އާއިލީ ހަފްލާތަކުންނާއި ފިލްމު އިންޑަސްޓްރީގެ އެކި ހަފްލާތަކުން ފެނުން ހުއްޓިފައިވާ ކަމެވެ.
މި ކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެނގެން ގިނަ ބަޔަކު ބޭނުންވި ނަމަވެސް މިފަދަ ޙަބަރުތަކަށް ސަމާލުކަމެއް ނުދީ އައިޝްވާރިއާ ވަނީ ފިލްމީ މަސައްކަތަށް އެނބުރި ނުކުމެފައެވެ.
ދާދިފަހުން އައިޝްވާރިޔާ އާއި ސެލެބްރިޓީ މޭކަޕް އާޓިސްޓު އެޑްރިއަން ޖެކޮބް އެކީގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެޑްރިއަންގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ފޮޓޯގައި ބުނެފައި ވަނީ ދުވަސްތަކަކަށް ފަހު ބަތަލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173317037662zoxR.jpg)
އައިޝްވާރިއާ މޭކަޕް އާޓިސްޓު އެޑްރިއަން ޖެކޮބްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ދިރިއުޅުމަށް ހަލަބޮލިކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ވެސް އައިޝްވާރިޔާ މަސައްކަތުގައި އުޅޭތަން ފެނުމުން އެކަމާ އުފާވާ ކަމަށް ބަތަލާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އުމުރުން 51 އަހަރުގެ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނީޔިން ސެލްވަން 2"އިންނެވެ. ބަތަލާ އެނބުރި ފިލްމީ މަސައްކަތަށް ނުކުމެފައިވީ ނަމަވެސް މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ކޮންކަހަލަ ޕްރޮޖެކްޓެއްގައި ކަމެއް ނޭނގެއެވެ.