ބައިނަލްއަގުވާމީ ޕީސް ކޭބަލް، ކުޅުދުއްފުށީ ލޭންޑިން ސައިޓާ ގުޅާލައިފި

ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި މިއަދު ޕީސް ކޭބަލް ކުޅުދުއްފުށި ސިޓީއަށްއަށް އެއްގަންކޮށް، އެ ސިޓީގައި ގާއިމްކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި ގުޅާލައިފިއެވެ.

މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާ ފުރަތަމަ ފަހަރެވެ.

އުރީދޫއިން ލަފާކުރާ ގޮތުގައި، މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެއެވެ.

އެ ކޭބަލް ގުޅުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީސް އެންޑް ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އެ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލުން ރާއްޖެއާ، ސިންގަޕޫރާއި ޔޫރަޕާއި އެފްރިކާއާ ވެސް ގުޅައިލެވޭނެއެވެ.

އުރީދޫއިން ބުނި ގޮތުގައި، އެ ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ޚިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުސަތު ހުޅުވި، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއާއި ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށާއި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަން ޔަގީން. އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ޚިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށި ވެފައިވަނީ މާލެ ސަރަހައްދުން ބޭރުގައި ސަބްމެރީން ކޭބަލްގެ މައި ލޭންޑިންގް ސްޓޭޝަން ބެހެއްޓި ފުރަތަމަ ރަށަށް ކަމަށެވެ.

"މިއާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅު ވެގެންދާނެ. އަދި އޭގެ އިތުރުން، ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

އެ ލޭންޑިން ސައިޓް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާތީ، އެކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝުކުރު އަދާކުރެއްވިއެވެ.

"އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އަޅުގަނޑުމެންގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުން." އޭނާ ވިދާޅުވިއެވެ.

ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަނަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވާނީ، ގައުމުގެ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލަ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް