ކްރިތީ އާއި ޝާހިދުގެ ފިލްމުގެ ސީކުއަލްއެއް އުފައްދަނީ؟

މި މަހުގެ ނުވަ ވަނަ ދުވަހު ސިނަމާ ތަކުގައި ރިލީޒް ކުރި ފިލްމު "ތެރި ބާތޯމެ އޭސަ އުލްޖާ ޖިއާ"ގެ ސީކުއަލްއެއް އުފައްދަފާނެ ކަމުގެ އިޝާރާތެއް ބަތަލާ ކްރިތީ ސެނޮން ދީފިއެވެ.

ބަތަލާ ކްރިތީގެ އެކްސް އެކައުންޓު މެދުވެރިކޮށް ސަޕޯޓަރުންނާ އެކު ކުރިޔަށް ގެންދިޔަ ލައިވް ސެޝަންއެއްގައި ކްރިތީގެ ސަޕޯޓަރަކު ވަނީ ފިލްމުގެ ދެވަނަ ބައެއް ރިލީޒް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ބުނެފައެވެ.

ޖަވާބުގައި ކްރިތީ ބުނެފައި ވަނީ ފިލްމަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި ތަރުހީބާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރުގެ ސިކުނޑީގައި މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ވިސްނުން ހުންނާނެކަމަށް ޔަގީންކުރާ ކަމަށެވެ.

ފިލްމީ ތަރިން ކަމަށްވާ ކްރިތީ ސެނޮން އަދި ޝާހިދު ކަޕޫރު ފިލްމު "ތެރި ބާތޯމެ އޭސަ އުލްޖާ ޖިއާ"ގެ މަންޒަރެއްގައި-- ފޮޓޯ/ ފޭސްބުކް
މީގެ ދެ އަހަރު ކުރިން އިއުލާނުކުރި މި ފިލްމަކީ ބަތަލާ ކްރިތީ ސެނޮން އަދި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅެފައިވާ ލޯބީގެ ސައިންސް ފިކްޝަން ކޮމެޑީ އެކެވެ. މެޑްޑޮކްސް ފިލްމްސްއާ ޖިއޯ ސްޓޫޑިއޯ ގުޅިގެން އުފެއްދި މި ފިލްމުގެ މިއުޒިކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ފިލްމަށް މިހާތަނަށް ލިބިފައިވަނީ 66.48 ކްރޯރް ރުޕީސްއެވެ.

ކްރިޓިކުން ފިލްމަށް މަސްހުނި ރިވިއުތަކެއް ދީފައިވާއިރު ބަތަލާ ކްރިތީ އާއި ޝާހިދުގެ އޮން ސްކްރީން ކެމިސްޓްރީއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެއެވެ. މިއީ ޝާހިދާއި ކްރިތީ އެކީގައި ފިލްމެއްގައި މަސައްކަތްކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ކްރިތީ ސެނޮން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިޔަށް އޮތް މާޗް މަހު ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމު "ދަ ކްރޫ"އިންނެވެ. މި ފިލްމަކީ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އަންހެނުންތަކެއްގެ ދިރިއުޅުމަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް